ޚަބަރު

އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެނުން ކަންކަމުގައި ފަސްޖެހޭތަން ފެނިގެންދޭ: ނާޒިމް

ގިނަ އަންހެނުން ކަންކަމުގައި ފަސްޖެހޭތަން ފެނިގެންދާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ނާޒިމް މިހެން ވިދާޅުވެފައި ވަނީ މަޖިލީސް ފަދަ އެކި ސިޔާސީ މަގާމުތަކަށް އަންހެނުން ކުރިމަތިލާ މިންވަރު މަދުކަން ފާހަގަކުރައްވަމުންނެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެން ބޭކަނބަލުން ކަންކަމުގައި ފަސްޖެހޭތަން. އެހެން ނަމަވެސް މިފަދަ ދާއިރާއަކަށް ކެރިގެން، ސާބިތުކަމާއެކު ކުރިމަތިލުމަކީ ހަމަގައިމު ވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ކަންކަމުގައި ކެރިގެން، ކަންކަން ކާމިޔާބު ކުރުމުގެ ރޫހެއް ހުރިކަން ދޭހަކޮށްދޭ ސަބަބެއް،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަކީ ޖުމްހޫރީ ޕާޓީގެ ސިޔާސަތުގައި ހިމެނޭ ކަމެއްކަމަށް ވިދާޅުވެފައެވެ.