ޚަބަރު

މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ގާއިމްކޮށްފި

މަރިޔަމް ޝަހުދާ

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ގާއިމްކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ މިކަން މިއަދު އިއުލާނުކޮށްފައެވެ. އިލެކްޝަންސް އިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރުދުވަހު އިންތިހާބާ ގުޅޭ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:00 އަކަށް ހުޅުވާލާއިރު ހޮނިހިރު ދުވަހު އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ކުން ފެށިގެން ހަވީރު 5:00 ކަށެވެ.

އިލެކްޝަންސް އިން މައުލޫމާތުދޭ ގޮތުގައި މާލެއިން ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އިންތިހާބާ ބެހޭ މަރުކަޒުގައި ހުންނަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަދި އަތޮޅު ތެރޭގައި ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ޝަކުވާއެއް ހުށަހަޅާނަމަ އެ ޝަކުވާތައް ބަލައިގަންނާނީ ރަށު އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ކަމަށް އިލެކްޝަނުން ބުނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމަށްފަހު ފޯމު ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ކަމަށް ވެސް އިލެކްޝަނުން ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމަށް ކަނޑައެޅިފައިވާ ދުވަސް، އޭޕްރީލް 6ގައި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފަށާއިރުއްސުރެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.

މަޖިލީހުގެ އިންތިހާބަށް ޝަކުވާ ހުށަހެޅުމުގެ ފޯމު އިލެކްޝަން ކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބޭނެއެވެ.