ޚަބަރު

އެންވަޔަރަމަންޓް މިނިސްޓްރީން 2700 ވުރެ ގިނަ ގަސް މާލެ ސިޓީ ކައުންސިލަށް ހަދިޔާކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން 2700 ވުރެ ގިނަ ގަސް މާލެ ސިޓީ ކައުންސިލަށް ހަދިޔާކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ ހަފްލާއެއްގައި އެންވަޔަރަމަންޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދާ ގަސްތައް ހަވާލުކޮށްދީފައިވަނީ އެ މިނިސްޓްރީގެ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ހަދިޔާ ކުރި މި ގަސްތަކަކީ ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ މަސައްކަތަށް ހަދިޔާ ކޮށްފައިވާ ގަސްތަކެކެވެ.

މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީން މާލެ ސިޓީ ފެހިކުރުމަށްޓަކައި ގަސް ހަދިޔާކުރުމުން އެކަމަށް ޝުކުރުދަންނަވައިފައެވެ.

މިދިޔަ އަހަރު ކުރީކޮޅު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ މަގުގައި ހުރި ގަސްތައް ނެގުމުގެ ސަބަބުން އެ މަގަކީ މިހާރު މުޅި މާލޭގައިވެސް އެންމެ ހޫނުގަދަ އެއް މަގެވެ. ކުރީގެ ސަރުކާރުން އެމަގުގައި ހުރި ގަސްތައް ނަގާފައިވަނީ އަލުން މަގު ތަރައްގީ ކުރުމަށްފަހު އެ މަގުގައި 450 ގަސް އިންދުމަށް ނިންމައިފައެވެ.