ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އޭގެ ތެރެއިން ބައެއް ތަކެއްޗާ ހަވާލުވެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓާ) އާއެކު ހަތަރު މީހަކު ހައްޔަރު ކުރީ މާޗް މަހުގެ 13 ވަނަ ދުވަހުގަ އެވެ.
އެ މައްސަލައިގައި، ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގައި މިއަދު ބާއްވާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ. ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބެހެއްޓުމަށެވެ. ގިނަ ސަބަބުތަކެއް ވަނީ ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) ގެ ވަކީލް ފާހަގަކޮށްފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބެހެއްޓުމަށެވެ.
އެ މައްސަލައިގައި މަސްތުވާތަކެތި ފެނުނު ތިން ލޮކޭޝަނާއި ވެސް ޕެސްޓް ގުޅުވާލެވޭ ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެންމެ ގިނަ އަދަދެއްގެ މަސްތުވަތާކެތި ފެނުނު ރިހިއަޅިވެލިގޭގައި ހުރި ކޮޓަރިން ޕެސްޓްގެ ފިންގާ ޕްރިންޓް ފެނިފައިވާ ކަމަށެވެ.
މަސްތުވަތާކެތި ފެނުނު ފަންކާ ސައިމާ ބޯޓަށް އަރުވާފައިވަނީ ޕެސްޓް ކަން ލިބިފައިހުރި ސީސީޓީވީ ފްޓޭޖުން އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ވީމާގެއިން ފެނުނު މަސްތުވާތަކެއްޗަށް އިސްމާއިލް އިފްހާމް މުހައްމަދު ހަވާލުވެ އެއީ އޭނާގެ އެއްޗެހި ކަމަށް ބުނެ ހަވާލުވެފައިވޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޕެސްޓްގެ އެކައުންޓް ސްޓޭޓްމަންޓަށް ބަލާލާއިރު އެތައް ލައްކަ ރުފިޔާއެއް ދައުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެ ފައިސާއަކީ ކިހިނެތް ކޮން ގޮތަކުން އޭނާގެ އެކައުންޓަށް އައިސްފައިވާ ފައިސާއެއް ކަން ބުނެެދެވިފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
"އެ ދުވަހު އިސްމާއިލް އިފްހާމްގެ ވޮލެޓުން 24،000ރ. ފެނިފައިވޭ. އެއަށް ވެސް ރަނގަޅު ގޮތެއްގައި ޖަވާބުދާރީ ވެފައި ނުވާކަން ދައުލަތުގެ ފަރާތުން ފާހަގަކުރަން،" ވަކީލް ވިދާޅުވި އެވެ.
ކަން އެހެން ހުރި އިރު އޭނާ މުޖުތަމައުއަށް ދޫކޮށްލައިފި ނަމަ އެކަމުގެ ސަބަބުން އެހެން މީހުނަށް ނުރައްކާ ވެދާނެ ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ.
ޕެސްޓުގެ ދިފާއުގައި އޭނާގެ ވަކީލު އަބްދުﷲ ޝާއިރު ވާހަކަ ދެއްކި ނަމަވެސް ފެނުނު ބައެއް މަސްތުވާތަކެއްޗާ ހަވާލުވިކަމަށް ދައުލަތުން ބުނާ ވާހަކަތައް ދޮގު ކޮށްފައެއް ނުވެ އެވެ. އަދި ދިފާއުގައި ޕެސްޓަށް ވާހަކަ ދައްކަން ފުރުސަތު ދިން ނަމަވެސް އޭނާ ވާހަކަ ދައްކާފައެއް ނުވެ އެވެ.
އެ މައްސަލައިގައި މުހައްމަދު ސުއައިދު ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު އަމުރު ކޮށްފަ އެވެ.
ތިން ވަނަ މީހެއްގެ ގޮތުގައި ހުރި އަހްމަދު ހުޝާމްގެ ބަންދަށް ދީފައިވަނީ 30 ދުވަހެވެ. އެ މައްސަލައިގައި އޭނާގެ ދައުރަކީ ސައިމާ ބޯޓަށް އެރުވި ފަންކާ ގަނެގެން ޕެސްޓްއާ ހަވާލު ކުރުމެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވި ނަމަވެސް ފެނުނު އެއްވެސް މަސްތުވާތަކެއްޗާއި ހުޝާމް ގުޅޭ ހެއްކެއް ލިބިފައި ނެތް ކަމަށް ދައުލަތުން ވަނީ އިއުތިރާފް ވެފަ އެވެ.