ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ބަލައިލުމުގެ ފުރުސަތު ދޭނެ އުސޫލު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފްލެޓު ލިބިފައިވާ މީހުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ފްލެޓުތައް ބަލައިލުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ފްލެޓުތައް ދެއްކުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކުވެސް ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ފްލެޓަކުންވެސް ފްލެޓު ބެލުމުގެ ފުރުސަތު ދެ މީހުންނަށް ދޭން ނިންމާފައިވާ އިރު، ފްލެޓު ބަލަން ވެރިފަރާތަށް ހާޒިރު ނުވެވޭ ނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހެއެވެ.
އެޗްޑީސީން ބުނީ، މި ހުޅުވާލާ ފުރުސަތުގައި ފްލެޓު ބަލަން ހާޒިރު ނުވެވޭ މީހުންނަށް ފްލެޓު ދެއްކުން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރާ ދުވަހު ކަމަށެވެ. އަދި ފްލެޓުތައް ބަލައިލުމުގެ ފުރުސަތު ދިނުމުގެ މަގުސަދަކީ ފްލެޓު ލިބިފައިވާ މީހުން، ފްލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެމީހުންނަށް ލިބިފައިވާ ފްލެޓު ބަލައި، ފްލެޓަށް ވަނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ އަންދާޒާއެއް ހެދުމަށާއި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފްލެޓުގެ މިންތައް ނެގުމުގެ ފުރުސަތު ދިނުން ކަމަށް ބުންޏެވެ.