ޚަބަރު

ޝެއިހް މުޖުތަބާ ފުލުހަށް ހާޒިރުވުމަށް އަންގައިފި

މުއާވިޔަތު އަންވަރު

ޖަމިއްޔަތުއްސަލަފްގެ ދައުވާ ކޯޑިނޭޓަރު ޝެއިހް މުޖުތަބާ ހަމީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.

އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު އެވެ. ނަމަވެސް ހާޒިރުކުރާ ގަޑި ސާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލު ވިދާޅުވީ، އެކި އެކި މައްސަލަތަކުގައި ކޮންމެ ދުވަހަކު ވެސް ފުލުހުންނަށް މީހުން ހާޒިރުކޮށް ސުވާލު ކުރަމުންދާނެ ކަމަށާއި އެގޮތަށް ހާޒިރު ކުރާ މީހުންގެ މައުލޫމާތު މީޑިއާއަށް ހިއްސާ ނުކުރާނެ ކަމަށެވެ.

ޝެއިހް މުޖުތަބާ ފުލުހަށް ހާޒިރުވުމަށް އަންގާފައި މިވަނީ، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދާ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެ ބިލް އަނބުރާ ގެންދިއުމަށް އެދި ޖަމިއްޔަތުއް ސަލަފާއި ގިނަ އަދަދެއްގެ ދީނީ އިލްމްވެރިން އިސްކޮށް ތިބެ ހަރަކާތްތަކެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލައިގައި ބިލާ ދެކޮޅު ފަރާތްތަކާއި ބިލަށް ތާއިދުކުރާ ފަރާތްތަކާއި މެދު ސޯޝަލް މީޑިއާގައި އަންނަނީ ބޮޑެތި ބަހުސްތަކެއް ވެސް ކުރެވެމުންނެވެ.

ނަމަވެސް ޝެއިހް މުޖުތަބާ ފުލުހަށް ހާޒިރު ކުރަނީ ކޮންމައްސަލައަކާއި ގުޅިގެން ކަމެއް އަދި ކުށެއްގެ ތުހުމަތުގައި ކަން ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.