ޚަބަރު

އަންހެނުން ހިތާނުކުރުމަށް ޑރ. އިޔާޒް ހިތްވަރުދޭ ކަމަށް ބުނެ އެ މައްސަލަ ޖެންޑާ ކޮމިޓީއަށް

އަލީ ޔާމިން

އަންހެނުން ހިތާނުކުރުމަަށް ތާއީދުކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ޓުވީޓު ކުރެއްވި ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޑރ. އިޔާޒަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮސަރެކެވެ.

އެ މައްސަލަ ހިއުމަން ރައިޓް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި ބުނީ މިއަދު ހެނދުނު 9:14 ގައި ޓުވިޓާ މެދުވެރިކޮށް ޑރ. އިޔާޒް ވަނީ އަންހެނުން ހިތާނުކުރުމުގެ ނަމުގައި "ފީމޭލް ޖެނެޓިކް މިއުޓިލޭޝަން" (އެފްޖީއެމް) އަށް ހިތްވަރު ދީފައި ކަމަށެވެ.

"މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ރާއްޖޭގައި އަންހެނުން ނުރައްކަލަކަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނެ ކަނެއްކަަމަށްވާތީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބައްލަވައިދެއްވުން އެދެމެވެ" ސިޓީގައި ވެއެވެ.

ޑރ. އިޔާޒު ކުރެއްވި ޓުވީޓުގެ މައްސަލަ ބަލައިދިނުމަށް އެދިފައިވާއިރު އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، އެއްވެސް އިރެއްގައި އަންހެނުން ހިތާނުކުރުމަށް ހިތްވަރުދީ ވާހަކަ ދައްކައިފައި ނުވާނެ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން ސުވާލެއް ކުރެވިއްޖެނަމަ އެކަމާ ގުޅޭ އިލްމީ ރައުޔު ދެއްވާފައިވާނެ ކަމަށެވެ.

"އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމީހެއްގެ ހިޔާލު ފާޅުކުރުމުން އެމީހަކު ވަޒީފާއިން ވަކިކުރުމަށާއި ފިޔަވަޅު އެޅުމަށް ގޮވުމަކީ ވަރަށް ނާތަހުޒީބީ ކަމެއް. ނިކަން އެއާ ދެކޮޅު ޕްރޫފްތައް ގެނެސްދެއްވަ ބައްލަވާ. ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތައްތަކަށް ފާޑު ކިޔަން ނޫޅުއްވާ" ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޕީ މީކާއިލަށް އަމާޒު ކުރައްވާ ޑރ. އިޔާޒް ވިދާޅުވީ އެމްޕީއަކަށް ވުމަކީ އެހެން މީހުންނާމެދު ހިތުހުރި ގަރާރުތައް ހުށަހަޅާ ވަގުތު ބޭކާރުކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.