ކޮވިޑްގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުޔާ އެކު ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އެ ގަޑިތަކުގައި ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްތައް އެކަނި ކަމަށްވެސް އިއުލާނުގައިވެއެވެ.
ފުލުހުންގެ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އޭގެ އިތުރުން މި މުއްދަތުގައި ފިހާރަތައް ވެސް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މި ވަގުތުތަކުގައި ހުއްދަ އޮންނަ ފަރާތްތަކަށް ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނެއެވެ. އަދި ހެނދުނު 6:00 އިން މެންދަމު 12:00 އަށް ފުލުހުންގެ ހުއްދައާ އެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުންގެ ހުއްދައަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށްގެންނެވެ. އަދި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާނަަމަ [email protected] ,mv އަށް އީމެއިލް ކޮށްގެން ޕާމިޓް ހޯދޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ބަދަލު ގެނެސްފައި މިވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދަށް ލުއިތަކެއް ދީފައިވާތީއެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 6:00 އިން ފަތިހު 4:00 އަށް ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. ނަމަވެސް ކާފިއު ވަގުތު ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ހުއްދައާ އެކު އެވެ.