ޚަބަރު

ކޮއްކޯފުޅުގެ ޖަނާޒާއަށްފަހު ރައީސް ރާއްޖެވަޑައިގެންފި

އާދިއްތަ ދުވަހުގެ ރޭ އަވަހާރަވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.

ރައީސްގެ ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނު ދުބާއީއަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވަނީ ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސް މިއަދު ރާއްޖެވަޑައިގަންނަވާފައިވާ ކަމަށެވެ.

އުމުރުފުޅުން 57 އަހަރުގެ އަހުމަދު މުހައްމަދު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދުބާއީގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ ޅ. ހިންނަވަރަށް އުފަން ބޭފުޅުންނެވެ.

އެމަނިކުފާނުގެ އާއިލާގައި ޖުމުލަ 12 ބޭފުޅުން ތިއްބަވައެވެ.

އޭގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ އަވަހާރަވި އަހުމަދު މުހައްމަދު ސޯލިހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެ އަށް ބޭފުޅުންގެ ތެރެއިން ހަތަރު ބޭޅުންނަކީ ލޯފަން ބޭފުޅުންނެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރޭގައި ތިން ހާފިޒުން ހިމެނިވަޑައިގަންނަވައެވެ.

އާދިއްތަ ދުވަހުގެ ރޭ އަވަހަރާވި އަހުމަދު މުހައްމަދު ސޯލިހަކީވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.