ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އައި ހީނަރުކަމުން ކުދި ވިޔަފާރިތައް އަރައިގަތުމަށް ސަރުކާރުން މިއަދު ތައާރަފު ކުރި ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ލޮކްޑައުންގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވިޔަފާރިތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ އެންމެ ކުދި, ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން އެކުލަވާލާފައިވާ ލޯނެކެވެ.
މި ލޯނު ތައާރަފު ކޮށްދެއްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ, ރިލީފް ލޯނެއްގެ ބައްދަލުގައި މިފަހަރުގެ ޕެކޭޖުތައް ބައްޓަންކޮށްފައިވާނީ އެސްޑީއެފްސީގެ ބިޒްނަސް ކްލިނިކްތަކުގެ ހިދުމަތުގެ ތެރެއިން ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަމަށެވެ.
އެގޮތުން ވިޔަފާރިވެރިޔާ އާއި ކޮންސަލްޓެންޓާ ދެފަރާތުން ވާހަކަ ދައްކައި ނިމޭއިރު އެ ވިޔަފާރިއަކީ ކުރިއަށް ނުގެންދެވޭނެ ވިޔަފާރިއެއް ކަމަށް ނިމިއްޖެނަމަ އެހެން ވިޔަފާރިއަކަށް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ, މި ލޯނަށް ހުޅުވާލުމުގައި އެންމެ ފުރަތަމަ ހާއްސަ ކަމެއް ދޭނީ ކޮވިޑް ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައި ހުރި ދާއިރާތަކަށާއި ރަށްތަކަށް ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަކީ ހާއްސަ ކަމެއް ދެވޭނެ އެއް ދާއިރާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ, އެސްއެމްއީ ވިޔަފާރިތަކަށް ހުރި ހުރިހާ ފަންޑުތަކެގެ ބޮޑުބައިވެސް އަމާޒު ކުރާނީ މިހާރު ހިނގަމުންދާ ވިޔަފާރިތައް ކޮޅަށް ޖަހައި ދިރުވައި ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރޭގައި އެ ލޯނުތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.