ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

މަޑުން ދުއްވަން ހޭލުންތެރިކުރުވުމަށް "މީތި ސަޅި"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފަށަން ޓްރާންސްޕޯޓުން ތައްޔާރުވެއްޖެ

މަޑުން ވެހިކަލު ދުއްވުމުގެ މުހިންމު ކަމާއި ބޭނުންތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ޓަކައި "މީތި ސަޅި"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފަށަން ޓްރާންސްޕޯޓު މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވީ، މަޑުން ދުއްވުމުގެ މުހިންމުކަމާއި އެކަމަށް ހޭލުންތެރިކަން އިތުރުކުމުގެ ކެމްޕޭނަށް "މީތި ސަޅި"ނަން ދެއްވި މައިގަނޑު ސަބަބަކީ މަޑުން ދުއްވުމުގެ ރަނގަޅު ކަމާއި މުހިންމުކަން ވިސްނައިދިނުން ކަމަށެވެ.

"ހަގީގަތުގަ ބައެއް މީހުންނަށް ހީވެފަ މި އޮންނަނީ ބާރުބާރަށް ދުއްވުމަކީ ވަރަށް ކޫލް ކަމެކޭ. ނޫނީ ވަރަށް ސަޅި ކަމެކޭ. އެކަމަކު އަޅުގަނޑުމެން ބުނެދޭން މި އުޅެނީ ބާރަށް ދުއްވުމަކީ އެއްގޮތަކަށް ވެސް ސަޅި ކަމެއް ނޫނޭ. ކޫލް ކަމެއް ވެސް ނޫނޭ. ހަގީގަތުގަ ސަޅި ކަމަކީ މަޑުން ދުއްވުމޭ. ހުރިހާ ގޮތަކުން ބެލިނަމަވެސް މަޑުން ދުއްވުން ސަޅިއޭ. ހެލްމެޓް އަޅައިގެން ދުއްވުން އަދި މާ ސަޅިއޭ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ބާރަށް ދުއްވުމުގެ ސަބަބުން މި ފަހަކަށް އައިސް ހިނގާފައިވާ ހިތާމަވެރި ހާދިސާތައް ވަރަށް ގިނަކަން ފާހަގަކުރެއްވޭ ކަމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ. އަދި "މީތި ސަޅި" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކުން ބައިވެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ މި ކެމްޕޭން ފަށަން ހަމަޖައްސައިފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ހަވީރު ހުޅުމާލޭ ބުރިޖުގެ މާލޭކޮޅުން ކަމަށެވެ.

"ބުރިޖުގެ މާލޭކޮޅުން ފެށޭނީ. އަދި ދުއްވަމުން ދާނީ ގަވައިދު ހުއްދަކުރާ މިންގަނޑުގެ ތެރޭގަ. އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ މަޑުން ދުއްވުން އެއީ ވަރަށް ސަޅިކަމެއްކަން. ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫންކަން. ހޭލުންތެރިކުރުވަން ބޭނުންވަނީ އެންމެން ވެސް ތިމާގެ އަދި އެހެން މީހުންގެ ވެސް ރައްކަލަށް ޓަކައި މަޑުން ދުއްވަން އާދަކުރުމަށް." ޓްރާންސްޕޯޓުން މައުލޫމާތުދެއްވި އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަވީރު 4:00ގައި މާލެއިން ފަށައިގެން ގޮސް ހުއްޓާނީ ހުޅުމާލޭ ސެންޓްރަލް ޕާކަށް ކަމަށެވެ. ސެންޓްރަލް ޕާކުގައި އޮންނަ ޚާއްސަ އިވެންޓެއްގައި އާޓިސްޓުން މި މައްސަލައިގެ ސިރިއަސް ކަމުގެ މައްޗަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށާއި އެތަނުގައި ޓްރާންސްޕޯޓު މިނިސްޓަރު ވެސް ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މި ހަރަކާތް ކުރިޔަށް ދާނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށާއި އެދުވަހު ހަވީރު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައިފައިވާ ކަމަށެވެ.

"ވީހާ ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ އެދުމެއް." ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.