ޚަބަރު

ފަސްދޮޅަސްހާސް ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ އެންމެން އަތުން އިންކަމްޓެކްސް ނަގަން އެމްޑީޕީން ހުށަހަޅަނީ

އިބްރާހިމް ޒަކީ

ފަސްދޮޅަށްހާސް ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އިންކަމްޓެކްސް ނެގޭނެގޮތް ގާނޫނަކުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި އެވެ.

"ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ބިލްގެ ނަމުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޑްރާފްޓް ކޮށްފައިވާ މި ބިލުގައި ހިމަނާފައިވަނީ، 60،000 އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓްގެ އިންކަމް ޓެކްސް އެއް ނެގުމަށެވެ.

އާމްދަނީ ލިބޭ ނިސްބަތުން ގިންތި ތަކަކަށް ބަހާލައިގެން އިންކަމްޓެކްސް ނެގުމަށް މި ބިލުގައި ކަނޑައަޅާފައިވާއިރު، ދެވަނަ ގިންތީގައި، އެއްލައްކަ ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓްގެ އިންކަމް ޓެކްސް ނެގުމަށް ވަނީ ހިމަނާފަ އެވެ.

ތިންވަނަ ކެޓަގަރީގައި، 150،000 އާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސަަންޓް ނެގުމަށް ކަނޑައަޅާފައިވާއިރު، ހަތަރުވަނަ ކެތަގަރީގައި، ދެލައްކައަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން، 15 ޕަސަންޓް އިންކަމް ޓެކްސްގެ ގޮތުގައި ނެގުމަށް ވަނީ ހިމަނާފަ އެވެ.

ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށްވިޔަސް، އަދި އެފަދަ މީހަކަށް ނުވިޔަސް ރާއްޖޭގައި އުފައްދާ އާމްދަނީއެއް ލިބޭ ކޮންމެ މީހެއްގެ މައްޗަށް މި ގާނޫނު ހިނގާނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެ އެވެ.

އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.