ރައީސް އޮފީސް

ދުންފަތުގެ ބާވަތްތައް ބަންދުކޮށް ލޭބަލް ޖެހުމާބެހޭ ގަވައިދު ތަންފީޒު ކުރުމަށް ރައީސްއަށް ލަފާ އަރުވައިފި

ދުންފަތުގެ ބާވަތްތައް ބަންދުކޮށް ލޭބަލް ޖެހުމާބެހޭ ގަވައިދު، ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ދުންފަތް، ސުޕާރީ، އެނަރޖީ ބުއިންތައް އަދި ހަކުރު ގިނަ ބުއިންތައް ފަދަ ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވަނީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި މިހާރު ވަނީ، ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްހީ އިންޒާރު ޖެހުމަށާއި ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުމަށް ގަވައިދު އެކުލަވާލައި، ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފަކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއް ކަމަށެވެ.

އަދި ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ލާޒިމު ކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.