ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ސީއެސްސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ މަގާމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://myaccount.csc.gov.mv/CouncilSg ޕޯޓަލް މެދުވެރިކޮށެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ ރަށު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީ ހާސިލް ކުރުމާ އެކު ތިން އަހަރު ދުވަހުގެ ތަޖުރިބާއެވެ. ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
އަތޮޅު ކައުންސިލްގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީ ހާސިލް ކުރުމާ އެކު ހަތަރު އަހަރު ދުވަހުގެ ތަޖުރިބާއެވެ. ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު މަގާމުގެ މަސައްކަތާ ގުޅޭ އަށް އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.
މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްއަށް އައްޔަންކުރެވޭ ފަރާތާ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރަން ޖެހޭނެއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެވޭ އިމްތިހާނުތައް، މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭނެއެވެ. ފުރިހަމަ ނުކުރާ ނަމަ މަގާމުން ވަކި ކުރެވޭނެއެވެ.
ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ރުހުމާއެކުގައެވެ. އެގޮތުން އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން 60 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ނަންތައް ސީއެސްސީން އެ ކައުންސިލަކަށް ފޮނުވާނެ އެވެ. އޭގެ ތެރެއިން އެ އިދާރާއަކަށް އައްޔަން ކުރާނެ އެސްޖީއެއް ކައުންސިލުން ނިންމައި ސީއެސްސީއަށް ފޮނުވަން ޖެހޭނެއެވެ.