ޚަބަރު

އެމްޑީޕީ އެޖެންޑާ: މަޖިލިސް މެމްބަރުން މާލީ ބަޔާން ހުށަނޭޅުމަކީ ޖިނާއީ ކުށަކަށް ހަދަނީ

އަހުމަދު ޖައިޝަން

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހުށަނޭޅުން ޖިނާއީ ކުށަކަށް ހެދުމަށް އެމްޑީޕީން ނިންމައިފި އެވެ.

މިގޮތަށް އެމްޑީޕީން ނިންމާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކުލަވައިލައިފައިވާ، މަޖިލިސް ގަވާއިދުގައެވެ.

އެ ގަވާއިދުގައި ބުނާގޮތުގައި އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހެޅުމަށް މިހާރުވެސް ލާޒިމު ކުރާ ކަމަށެވެ. އެހެންނަމަވެސް އެ ގަވާއިދުގެ ދަށުން، މާލީ ބަޔާން ހުށަނާޅާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ތަހުގީގު ފެށި ފިޔަވަޅު އަޅަން ފަށާނެ ކަމަށާއި އެ ތަހުގީގު ފަށާނީ ފައިސާ ދައުރުވެފައިހުރި ގޮތް ބެލުމަށް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ މެމްބަރުގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހިމެނޭނެ ކަމަށެވެ. އަދި މާލީ ބަޔާނުގައި ހިމެނޭނީ ފައިސާ، ބޭންކް އެކައުންޓް، ބިން، ބިމުގެ އެގްރީމަންޓް، އާއިލީ ވިޔަފާރި، ޝެއާރް، ބޮންޑް، ސްޓޮކް، ހާއްސަ ހުއްދަ، ގަހަނާ، މޯޓަރލީ ވެހިކަލް، ރުއްގަސް ފަދަ ތަކެތި ކަމަށް އެގަވާއިދުގައި ވަނީ ބުނެފައެވެ.

މެމްބަރުންގެ މާލީ ބަޔާނުގެ އިތުރުން މެމްބަރުން ކުރާ ބައެއް ހަރަދުތަކުގެ މައުލޫމާތުވެސް ހިއްސާކުރަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

އެއީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހުރިހާ ތަފްސީލެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި އާންމުންގެ ފަރާތަކުން އެ މައުލޫމާތު ބޭނުންވާ ނަމަ އެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.