ޚަބަރު

ދޮޅު އަހަރަށްފަހު ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީކަމަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަތައް ސާބިތު ނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާ ރުޖޫއަކޮށްފިއެވެ.

އޮކްޓޯބަރު 15، 2019 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މޯލްޑިވް ގޭހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެކުންފުންޏަށް އޭސީސީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޝަޒައިލްގެ ވަޒީފާ ރުޖޫއަ ކޮށްފައިވާ ކަމަށް ބުންޏެވެ.

ޝަޒައިލަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ހޯދިފައިނުވާތީ އެ މައްސަލަ ވަނީ ފުލުހުން ފައިލްކޮށްފައެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަޒައިލްގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވި އިތުރު ތިން މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ. އެއީ އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކުކުރެވޭ ފައިސާތަކެއް ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައަކާއި މުވައްޒަފެއް ވަޒީފާއަށް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަދި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތެވެ.

ދެހާސްތޭރަ ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވާފައިވާ ޝަޒައިލް ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އަދި 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

އޭނާ އެ މަގާމުން ވަކިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ. އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަޒައިލް މޯލްޑިވް ޖޭހުގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ. އޭނާ އަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނެވެ.