ޚަބަރު

ޕީޕީއެމްގެ މެންބަރު އާއިޝަތު ލީޒާ އަމިއްލަގޮތުން ވެލިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަނީ

އިބްރާހިމް ޒަކީ

1

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި، ހުންނެވި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އާއިޝަތު ލީޒާ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ވެލިދޫއަށް ނިސްބަތްވެވަޑައިގަންނަވާ ލީޒާ މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އަމިއްލަ ގޮތުން މަޖިލީސް އިންތިހާބުގައި ވާދަކުރަން ނިންމެވީ، މިވަގުތު އެކްޓިވްކޮށް އެއްވެސް ޕާޓީއެއްގައި މަސައްކަތް ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.

"ދެހާސް ސާދަވަނަ އަހަރުން ފެށިގެން އަޅުގަނޑު މިހުންނަނީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި. ނަމަވެސް މިވަގުތު އެއްވެސް ޕާޓީއެއްގައި އެކްޓިވްކޮށް މަސައްކަތެއް ނުކުރަން. އެހެންވެ ބޭނުންވީ އަމިއްލަ ގޮތުން ވާދަކުރަން،" ލީޒާ ވިދާޅުވި އެވެ.

ލީޒާ އިތުރަށް ވިދާޅުވީ، އަމިއްލަ ގޮތުން މަޖިލިސް ގޮނޑިއަށް ވާދަކުރައްވަން ނިންމެވި ނަަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެހީތެރިކަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޝައުގުވެރިވާނަމަ އެ ޕާޓީއަކާ އެކީ ކުރިއަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވިކަމަށާއި، އެކަމާމެދު މަޝްވަރާ ކުރުުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް އެބައޮތް ކަމަށްވެސް ލީޒާ ވިދާޅުވި އެވެ.

ލީޒާ ވާދަ ކުރައްވަން ނިންމަވާފައިވާ، ވެލިދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކޮށްފައިވަނީ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން އެ ޕާޓީގެ ޓިކެޓް ހޯއްދެވި މުހައްމަދު އަބުދުﷲ ޝަފީގާއި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު މުހައްމަދު އައްބާސް އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟