ދިވެހިރާއްޖޭގެ ޓުއަރިޒަމް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ ގޮތުން 43 ކިލޯމީޓަރުގެ ބޮޑު ފެތުމެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "ސްވިމް މޯލްޑިވްސް ބާ ބީއާރު ކްރޯލް 2019" ވަނީ ލޯންޗު ކޮށްފައެވެ.
ސްވިމް މޯލްޑިވްސް އިން އިސް ނަގައިގެން ކުރިއަށް ގެންދާ އެ ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ އެ ޖަމިއްޔާގެ ފަރާތުން ހުސައިން ޝަމީމް ވިދާޅުވީ އެ ހަރަކާތަކީ ދިގު ފެތުމުގެ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދާނީ ޓުއާއެއްގެ ގޮތުގައި ކަމަށެވެ.
އެ ފެތުން ކުރިއަށް ދާނީ ބ. އަތޮޅުގައެވެ.
"ފެތުން ކުރިއަށް ދާނީ ބ. އަތޮޅުން އޭދަފުށީން ފުންމާލައިގެން ކެންދޫއާ ހަމައަށް،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ފެތުން ކުރިއަށްދާނީ ފަސް ކިލޯ މީޓަރުގެ ބްރޭކްތަކަކާ އެކު ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފުރަތަމަ ފަތާނީ އޭދަފުށީން ސޮނެވާފުށްޓަށެވެ. އަދި ސޮނެވާއިން ނެލިވަރު ފިނޮޅަށެވެ. ނެލިވަރު ފިނޮޅުން މާޅޮހަށެވެ. އެގޮތަށް ފަތަމުން ގެންގޮސް އަތޮޅުގެ ޖުމްލަ 23 ރަށަކަށް މަޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެތުމުގެ ހަރަކާތް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 0830އިން ފެށިގެން 1200އާއި ހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފެތުމުގެ ހަރަކާތުގައި އަށް ފެތުންތެރީން ބައިވެރިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެތެރެއިން އެކަކީ ގައުމީ ފެންވަރުގެ ފެތުންތެރިޔެއް ކަމަށާއި ބައިވެރިންގެ ސަލާމަތަށް ހަތަރު ކެނޯ އާއި ޑިންގީއެއް އަދި އެމްއެންޑީއެފްގެ އެމްބިއުލާންސެއް ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ރީތިކަން ދުނިޔެއަށް އަންގައިދިނުމާއި ރާއްޖެއަކީ ފެތުމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ޕްރޮމޯޓް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން، މޫދާއި މޫދު ކުޅިވަރުތައް ރައްޔިތުންގެ ތެރޭގައި ޕްރޮމޯޓުކުރުމަކީވެސް އެ ހަރަކާތް ހިންގުމުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިންވަނަ ކަމަކީ އަޅުގަނޑުމެން ވަރަށް ހިތްދަތިވާ ކަމެއް. މި މޫދުގައި ކުޑަކުދިން މަރުވާ ހާދިސާތައް އަޅުގަންމެންގެތެރޭގައި މަދުން ނަމަވެސް، އެބަ ދިމާވޭ. އެހެންވެ އެކަން ކަމާމެދު ހޭލުންތެރިކަން އިތުރުކުރުވައި އަދި އެކަންކަން ނުވާނެ ގޮތަކަށް ކަންކަން ރޭވުމުގެ ހޭލުންތެރިކަން އިތުރުކުރުން،" އޭނާ ވިދާޅުވިއެވެ.