ޚަބަރު

ބަޖެޓުގެ ދަތިކަން ބޮޑުކަމަށް ބުނެ އީސީން ބޮޑު ޖަލްސާއެއް ބޭއްވުމުން މުއިއްޒު ސުވާލު އުފައްދަވައިފި

ބަޖެޓްގެ ތާށިކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ވިދާޅުވުމަށްފަހު، އާ ލޯގޯއަކާއި ކުލަ ތައާރަފު ކުރުމަށް އިލެކްޝަން ކޮމިޝަނުން ބޮޑު ޖަލްސާއެއް ބޭއްވުމުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި މަޝްހޫރު ގާނޫނީ ވަކީލު މުއިއްޒު، ރޭ ކުރެއްވި ޓްވީޓެއްގައި، "ބަޖެޓްގެ ދަތިކަން ހުރުމާއެކު، އިލެކްޝަން ކޮމިޝަންގެ ލޯގޯ އާއި ކުލަ އިއުލާން ކުރެއްވުމަށް ބޮޑު ޖަލްސާއެއް ބާއްވައި ތި ކުރައްވަނީ، ބޭކާރު ހަރަދެއްނޫންތޯ؟" ވަނީ ސުވާލު ކުރައްވައިފަ އެވެ.

އަންނަ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ހަމަޖައްސައިފައިވާއިރު، ބަޖެޓްގެ ދަތިކަމުގެ ވާހަކަ ރޭގެ ޖަލްސާގައިވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ، މަޖިލިސް އިންތިހާބަށް ކުރަން ޖެހޭ އިދާރީ ހުރިހާ މަސަައްކަތެއް ގާތްގަނޑަކަށް ނިމިފައިވި، ނަމަވެސް ބަޖެޓްގެ ތާށިކަން ހުރުމުން އެ ވާހަކަތައް ކަމާ ބެހޭ މުއައްސަސާ އަށް އަންގާފައިވާނެ ކަމަށެވެ.

އަދި އިންތިހާބަށް ބޭނުންވާ އިތުރު ބަޖެޓް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވަމުން އަންނައިރު، އިންތިހާބަށް ބޭނުންވާ ފައިސާ ހަމަނުޖެހިއްޖެ ނަމަ އިންތިހާބަށް ހުރަސްއެޅިދާނެ ކަމުގެ ކަން ބޮޑުވުން އެބައޮތްކަމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވެސް މީގެ ކުރިން ވަނީ "ވަން އޮންލައިން"އަށް ވިދާޅުވެފަ އެވެ.

އަކުރަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައި، ކޮމިޝަނުގެ އެ ކަންބޮޑުވުން ގާސިމްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި، މަޖިލިސް އިންތިހާބަށް 123 މިލިޔަން ރުފިޔާ ހަމަޖައްސައިިދިނުމަށް އިލެކްޝަނުން ހުށަހެޅި އެވެ.

ނަމަވެސް އަކުރަމް ވިދާޅުވިގޮތުގައި ކޮމިޝަނާ މަޝްވަރާ ނުކޮށް، ކުރީގެ ސަރުކާރުން އެ އަދަދު 80 މިލިޔަން ރުފިޔާއަށް ކުޑަކޮށް ބަޖެޓްގައި ހިމެނި އެވެ. އަދި ކޮމިޝަނުން ކުރި މަސައްކަތުން 9.2 މިލިޔަން ރުފިޔާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ނިންމި ނަމަވެސް އެ އަދަދު ބަޖެޓް ރިޕޯޓްގައި ހިމަނާފައިވެސް ނުވެ އެވެ.