ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ތަހުގީގަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒުިރުކޮށް ސުވާލުކޮށްފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދަނީ މަޖިލިސް ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، އެ މައްސަލައިގައި މިނިސްޓަރު އިމްރާން އެ ކޮމިޓީއަށް ހާޒުިރކޮށް މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގުތަަކަކީ ސިއްރު ކޮށްގެން ކުރިއަށް ގެންދާ ތަހުގީގަކަށްވާތީ އެކަމާބެހޭ އިތުރު ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރު އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
މީގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.