ޚަބަރު

ތާޖް އެގްޒޯޓިކާ ރިސޯޓުގައި، އެނދި ކޮޓަރިތަކުގެ ގެސްޓުންނާ ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި

ރޭ ފަތިހު ރޯވި، ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ.އެނބޫދޫ ފިނޮޅު) އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޒިޔާރަތް ކުރައްވައި، އެ ރިސޯޓުގެ އިސްވެރިންނާއި، ފަތުރުވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު މިއަދު ހެންދުނު އެ ރިސޯޓަށް ކުރެއްވި ޒިޔާރަތުގައި، އަލިފާންރޯވެ އެނދި ކޮޓަރިތަކުގެ ޓޫރިސްޓުންނާ ބައްދަލު ކުރެއްވި އެވެ. އަދި ރިސޯޓްގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި އެ ހާދިސާގެ މައުލޫމާތު އޮޅުން ފިލުއްވައި، އެކަމުގައި ސަރުކާރުގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ. އެނބޫދޫ ފިނޮޅު)ގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މޫދު ކޮޓަރި އެއްކޮށް އަނދައި ވަނީ ހުލިވެފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:48ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ރިސޯޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމާ އެކު ކުރި މަސައްކަތުން އަލިފާން ނިއްވައިލެވުނީ މިއަދު ހެނދުނު 6:15ހާއިރު އެވެ.

އެ ހާދިސާގައި ފަސްކޮޓަރި އެނދި ނަމަވެސް މީހަކަށް ގެއްލުންވިކަން އެނގިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.