ޚަބަރު

ދިވެހި ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވައިފި

މަރިޔަމް ޝަހުދާ

1

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖުން ފަންނާނުންގެ ފޯރަމެއް ބާއްވައިފި އެވެ.

މިރޭ އޮލިމްޕަހުގައި ކުރިއަށް ދިޔަ ފޯރަމްގައި ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެ، ދާއިރާއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓަރ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނާ ހިއްސާކޮށްފައެވެ.

އެ ފޯރަމްގައި ވާހަދަ ދައްކަވަމުން ޔުމްނާ ވަނީ ފިލްމީ ދާއިރާއަކީ ހައްލު ހޯދަން ޖެހޭ އެތައް މައްސަލަތަކެއް ހުރި ދާއިރާއެއްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ދާއިރާގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ޔުމްނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޔުމްނާ ވަނީ ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ޔުމްނާގެ ވާހަކައިގައި ވަނީ ފަންނީ ކަންމަކަށް ވަކި މިނިސްޓްރީއެއް މިހާރު އުފެދިފައި ވުމުން ކުރިއަށްވުރެ މާބޮޑު އިސްކަމެއް ދީގެން ފަންނީ ދާއިރާތަކުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޔުމްނާ ވަނީ ފިލްމް އެސޯސިއޭޝަނާއި ގުޅިގެން ދާއިރާގެ ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟