އެއްވެސް ޕާޓީއަކާ ދޭތެރޭ އިލެކްޝަންސް ކޮމިޝަނުން ޒާތީއެއް ނުވާ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިރޭ އިލެކްޝަންސްގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކުރި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝަރީފް މިހެން ވިދާޅުވެފައި ވަނީ ބައެއް މީޑިއާތަކުގައި އިލެކްޝަންސްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެއެވެ. ޝަރީފް ވަނީ މީޑީއާއިން ނުވަތަ ސިޔާސީ ޕާޓީއަކުން އިލެކްޝަންސްއާ ގުޅޭގޮތުން ވާހަކައެއް ދައްކާ އިރު އޭގެ ހަގީގަތަކީ ކޮބައިތޯ ބެއްލެވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެއީ ބައެއް ފަރާތްތަކަށް މީޑިޔާއިން ގެނެސްދޭ ކޮންމެ އެއްޗަކީ ސައްތައިން ސައްތަ ތެދު މައުލޫމާތު ކަމަށް ދެކެވޭތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޕީޕީއެމްއާ ދޭތެރޭގައި އަޅުގަނޑުމެން އިލްކެޝަންސް ކޮމިޝަނުން ޒާތީ ގޮތެއް ގެންގުޅޭކަމަށް، ނުވަތަ ޕީޕީއެމްއާ ގުޅިފައި ހުރި ބައެއް ޕާޓީތައް އުފެދެމުން ދާއިރު، އެޕާޓީއާ ދޭތެރޭގައި ޒާތީ ގޮތެއް ގެންގުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކައެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ ގާނޫނާ އެއްގޮތަށް އިލެކްޝަންސް ޖަވާބުދާރީ ކުރުވަން މަސައްކަތް ކޮށްފިނަމަ ގާނޫނުގެ ތެރެއިން އިލެކްޝަންސް އިން ޖަވާބުދާރީ ވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއަކާ ދޭތެރޭގައި ވެސް އަދި އެއްވެސް ފަރުދަކާ ދޭތެރޭގައި ވެސް އިލެކްޝަންސް އިން ގާނޫނުން ބޭރުން އަމިއްލަ ގޮތްތަކެއް ގެންގުޅެފައެއް ނޯންނާނެ ކަމަށާއި ކުރިއައްއޮތްތާނގައި ވެސް އިލެކްޝަނުން ގާނޫނުން ބޭރުން އަމިއްލަ ގޮތްތަކެއް ނުގެންގުޅޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި މިރޭގެ ޖަލްސާގައި ޝަރީފް ވަނީ މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.