އަލީ ޔާމިން
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްސީއޭ)ގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދައި، ބޯޑަށް މެންބަރުން އައްޔަނުކޮށްފިއެވެ.
އެ މަގާމުތަކަށް ބޭފުޅަކު އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސް ސޯލިހު މިއަދު އައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑޮކްޓަރު އަބްދުލްހަންނާން ވަހީދެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. މި ގާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދެވީ ޑރ. އަބްދުލްހަންނާނެވެ.
ޑރ. އަބްދުލްހަންނާނަކީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް)ގެ ސީއީއޯގެ މަގާމާއި ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ. ޑރ. އަބްދުލްހަންނާން ޕީއެޗްޑީ ހާސިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީންނެވެ.