އިބްރާހިމް ޒަކީ
މިހާރު ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންނާ ދެމެދު އޮންނަ ތަފާތުކުރުންތައް ނައްތާލުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިގޮތަށް ބުނެފައިވަނީ، ގެސްޓްހައުސް ވިޔާފާރި އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް، އެމްޑީޕީގެ ވިސްނުމުގައި ކުރުމަށް ކަނޑައަޅައި އެކުލަވާލާފައިވާ ޑްރާފްޓްގަ އެވެ.
އެގޮތުން ރާއްޖޭގެ އިމޭޖް ރަނގަޅުކުރުމުގެ ގޮތުން ދިވެހިންނާއި، ފަތުރުވެރިންނާ ދެމެދު އޮންނަ ތަފާތުކުރުންތައް ނައްތާލައި، ފްލައިޓް ޓިކެޓުގެ އަގުގެ ތަފާތު ކުރުންތަކާ، ފެރީ ޓިކެޓްގެ އަގުގެ ތަފާތުކުރުން ނައްތާލައި، ފަތުރުވެރިންނަށް ޑަބަލްޓެރިފް ދައްކަންނުޖެހޭ ގޮތަށް އިންތިޒާމް ވެގެންދާނެ ކަމަށް އެ ޑްރާފްޓްގައި ބުނެފައިވެ އެވެ.
ޑްރާފްޓްގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެސްޓް ހައުސްގެ ވިޔަފާރި ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓް ހައުސްގެ އިތުރުން، އައިލަންޑް ހޮޓަލާއި، ބުޓިކް ހޮޓަލާއި ހޯމްސްޓޭ ތައާރަފް ކުރާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ އާމްދަނީ ރައްޔިތުންނަށް ލިބޭ މިންވަރު ފުޅާ ކުރުމައްޓަކާ ދަތުރުފަތުރުގެ ނިޒާމް މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާ ކުރުމަށްވެސް ވަނީ ކަންތައްތަކެއް ހިމަނައިފަ އެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އެއަރޕޯރޓްތައް އިންޓަނޭޝަނަލް އެއަރޕޯޓްތަކަށް ބަދަލު ކުރެވި އެތަންތަނުން ދެވޭ ޚިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެވި އެތަންތާގައި ޝެޑިއުލް ފްލައިޓްތަކުގެ އިތުރުން، ޗާޓާ ފްލައިޓްތައް ޖެއްސުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެއެވެ.
އަސާސީ ހިދުމަތްތަކާއި ޓުއަރިޒަމްއާ ގުޅިފައިވާ ހިދުމަތްތައް ފުޅާކުރުމަށް ޓަކައިވެސް ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.
އެގޮތުން ފެނާ ނަރުދަމާ އަދި ކުނިނައްތާލުމުގެ ނިޒާމް ހުރިހާ ރަށެއްގައި ޤާއިމުކޮށް، ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ފުޅާކުރެވިގެން ދާނެއެވެ.
ބޭރުގެ ޑޮކްޓަރުންނަށް ހޮލިޑޭ ޕެކޭޖްތައް ތައާރަފްކޮށް ގެސްޓްހައުސް ފަތުރުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.
އެއާއެކު ގެސްޓްހައުސް ވިޔަފާރިއަށް ސަޕޯރޓް ސާރވިސްގެ ގޮތުގައި ގާއިމް ކުރަންޖެހޭ އެކިއެކި ޚިދުމަތްތަކާ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ހަރަދުތައްވެސް ފަސޭހައިން ލިބުމުގެ ނިޒާމް ޤާއިމްކުރެވިގެންދާނެއެވެ.
ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށްޓަކައި، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަން ކަނޑައަޅާ ކަންތައްތަކެއްވެސް އެމްޑީޕީން ވަނީ ހިމަނައިފަ އެވެ.
ކައުންސިލްތައް މެދުވެރިކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ރަށްރަށުން ބިން ކަނޑައަޅައި، ކެޓަގަރައިޒްކޮށް ރަށުގެ ރައްޔިތުންނަށް އިސްކަންދޭ ނިޒާމެއްގެ ތެރެއިން އެކިފަންތީގެ ވިޔަފާރިވެރިންނަށް، ބިން ދޫކުރެވޭނެއެވެ.
ފަތުރުވެރިންނަށް ޚާއްސަ ގެސްޓްބީޗްތައް ރަށްރަށުގައި ޤާއިމްކުރެވި ލައިފް ގާރޑް ޚިދުމަތް ދެވިގެންދާނެއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާތަކުގައި ރަށާ ގުޅޭ މައުލޫމާތު ދެވޭނެ ފްރަންޓް އޮފީސް 24 ގަޑި އިރު ހުޅުވާފައި ހުންނާނެއެވެ.
މީގެ އިތުރުން ކައުންސިލްތަކުން އިންތިޒާމްކޮށްގެން ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ އިންޑަސްޓްރީއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގާ، ރަނގަޅު ޚިދުމަތެއް ފަތުރުވެރިންނަށް ފޯރިކޮށްދިނުމުގެ ގޮތުން މި އިންޑަސްޓްރީއަށް ރައްޔިތުން އަހުލުވެރިކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގޭނެއެވެ.
އެރަށެއްގައި ހުންނަ ގެސްޓްހައުސްތަކުން ނެގޭ ގްރީންޓެކްސް ރަށު ކައުންސިލަށް ލިބޭގޮތަށް ކަނޑައަޅައި، ލިބޭނީ މި ފައިސާ ތިމާވެށި ރައްކާތެރިކުރުމާ ގުޅުން ހުރި މަސައްކަތްތަކަށް ބޭނުން ކުރެވޭނެގޮތް ހަމަޖައްސާނެ އެެވެ.
އެމްޑީޕީން ބުުނެފައިވަނީ، އެ އުސޫލުގެ ތެރެއިން ރަށްތަކުގައި ހުންނަ ގެސްޓްހައުސްތައް މާކެޓް ކުރުމަށް ރަށު ކައުންސިލްތަކަށް ސަރުކާރުން ބަޖެޓެއް ހަމަޖެހިގެންދާނެ ކަމަށެވެ.