ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަމިއްލައަށް އެދިގެން ޑްރަގް ކޯޓަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް މިރޭ "ވަން" އަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަމިއްލައަށް އެދިގެން ޑްރަގް ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެކަމަށް އެދުނީ ކޮން ސަބަބަކާ ގުޅިގެންކަމެއް ސާފެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރަން ނިންމާފައިވަނީ މި މަހުގެ ފަހުކޮޅުއެވެ.
ފެމިލީ ކޯޓުގައި ހުއްޓައި ސަމީރު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ 2017 ވަނަ އަހަރުއެވެ. އޭގެކުރިން އޭނާ ހުރީ ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ.
ޑްރަގް ކޯޓުގައި މިހާރު ތިބީ ފަސް ފަނޑިޔާރުންނެވެ. އެއީ ގާޒީ އަބްދުއްސައްތާރު އަބްދުލް ހަމީދު، ގާޒީ ހުސައިން ޝަހާމަތު މާހިރު، ގާޒީ މުހައްމަދު ނައީމާއި ގާޒީ އާދަމް އާރިފް އަދި ގާޒީ މުހުތާޒު ފަހުމީއެވެ.