ރާއްޖޭގެ ރަށްތަކުގެ ބަނދަރު ހެދުމާއި އަތިރި ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި އޮޑިދޯނިފަހަރު އެހެލާބާލާ ތަންތަން ހަދަންވާނީ ގުދުރަތާއި އެއްކީއްޔަށް ވަށައިގެން ފަސް އެނބުރެވޭ ގޮތަށް ހެދުމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
އެގޮތަށް އެމްޑީޕީން ނިންމާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކުލަވައިލައިފައިވާ ދިވެހީންގެ ގުދުރަތީ ވާރުތަ މުދާ އާލާކޮށް ދިރުވުމުގެ ގާނޫނުގެ ޑްރާފްޓުގައެވެ.
އެ ގާނޫނުގައި ބުނެފައިވަނީ އެފަދަ ތަންތަނުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ދިވެހިރާއްޖޭގެ ތަބީއީ ސިފައާއި އެއްގޮތަށް ކަަމަށެވެ.
އެގޮތުން ބޭރު ތޮއްޓަކީ މުރަކައާއި މަސްމަހާ މެއްސަށް ރައްކާތެރި ހިމާޔަތްލިބޭން ޖެހޭ ތަނެއް ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.
އެ ގާނޫނުގައި އިތުރަށް ބުނީ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުން ތިމާވެއްޓަށް އަސަރުކުރާ އަދި ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް ހާއްސަ ހުއްދައަކާއެކު އެ މަޝްރޫއުތައް ހިންގިދާނެ ކަމަށެވެ.
މަޝްރޫއެއް ފެށުމުގެ ކުރީން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމަށް މިނިވަން ކޮންސަލްޓަންޓެއް މެދުވެރިކޮށް އެސެސްމެންޓް ހަދަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.