ދިވެހިރާއްޖޭގެ ކަނޑާއި ފަރާއި ފަޅާއި ބިމާއި އެއްގަމުގައިވާ ދިރުންތައް ހޯދައި ބަލައި ދިރާސާކޮށް ދެނެގަނެ އެ ދިރުންތަކުގެ ދަފްތަރެއް އެކުލަވާލުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެގޮތަށް އެމްޑީޕީން ނިންމާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކުލަވައިލައިފައިވާ ދިވެހީންގެ ގުދުރަތީ ވާރުތަ މުދާ އާލާކޮށް ދިރުވުމުގެ ގާނޫނުގެ ޑްރާފްޓުގައެވެ.
އެ ގާނޫނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދުވަސްވީ ގަސްގަހާއި އިޖުތިމާއީ އަދި ތާރީހީ ގޮތުން މުހިއްމު ގަސްރުކާއި ސަރަހައްދުތައް ދަފްތަރުކުރަން ޖެހޭނެ ކަމަށެވެ. އެތަކެތީގެ ޒާތަށް އެއްވެސް ބަދަކެއް އަތުވެދާނެ ގޮތަށް އެތަކެތި ބޭނުން ކުރުން މަނާ ވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.
ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ އާބާދީ އަންނަމުންދާ ބަދަލުތައް ހޯދައި އެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ކަމަށްވެސް ވަނީ ގާނޫނުގައި ހިމަނައިފައެވެ.