ޚަބަރު

ދަނޑުވެރިކަމުގެ އާމްދަނީން ނަގާ ބީޕީޓީ ކަނޑާލައި ނެޝަނަލް އެގްރި ކައުންސިލް ގާނޫނަކުން އުފައްދަން ހުށަހަޅަނީ

އިބްރާހިމް ޒަކީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސް ނެގުމުގެ އުސޫލަށް ގެންނާންޖެހޭ ބަދަލުތައް ގެނެވެންދެން، ދަނޑުވެރިކަމުގެ ވިޔަފާރިން ލިބޭ އާމްދަނީއިން ބީ.ޕީ.ޓީ ނެގުން ހުއްޓާލައި، ނެޝަނަލް އެގްރި ކައުންސިލް ގާނޫނަކުން އުފައްދަން އެމްޑީޕީން ބިލު އެކުލަވާލައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިިލީހަށް އެމްޑީޕީން ހުށަޙަޅަން ތައްޔާރު ކޮށްފައިވާ އެގްރި ވިޔަފާރީގެ ބިލުގެ މައިގަނޑު އަސާސްތަކުގައި ބުނެފައިވަނީ، ދަނޑުވެރިކަން ކުރާ އަދި އަލަށް މަސައްކަތް ފަށާ ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

ޖާގަ އޮތް ރާއްޖޭގެ ކޮންމެ ރަށެއްގައި އެގްރިދަނޑު އަޅައި، ފެނާއި ކަރަންޓާއި މުޑުވަކާއި، ގަސްކާނާ އާއި ދަނޑުވެރިކަން ކުރަން ބޭނުންކުރާ އެކިއެކި ވަސީލަތްތައް އެ ދަނޑުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަން ހިމެނާފައިވާއިރު، ހައިޑްރޯޕޯނިކްސް ނިޒާމްތައް ހެދުމަށް މަގުފަހިކޮށްދީ، ބިމަށް ދަތި ފަޅުބޮޑު ރަށްރަށުގައި، ފެންމަތީ އޮންނަ ކަނދުފަތިތަކުގައި ދަނޑުވެރިކަން ކުރެވޭނޭ ނިޒާމެއް ހަމަޖެއްސުމަށްވެސް ވަނީ ހިމަނައިފަ އެވެ.

ރަށު ކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ ބިމާއި ފަޅުރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވިދާނެކަން ކަނޑައެޅުމާއި، ވަރޓިކަލް ފާމިންގް ތަޢާރަފްކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް ވެސް ޑްރާފްޓްގައި ވަނީ ހިމަނައިފަ އެވެ.

ދަނޑުވެރިކަމުގެ ވިޔަފާރީގައި އަންހެނުންގެ ދައުރު ފުޅާކޮށް، ދަނޑުމަސައްކަތުގެ އިތުރުން، އެގްރިވިޔަފާރީގެ ސީދާ ފައިދާ ފަހި ކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގުމާއި، ވަރޓިކަލް ފާމިންގް ތަޢާރަފްކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުންވެސް ވަނީ ހިމަނައިފަ އެވެ.

ޤާނޫނުގެ ދަށުން އެގްރިވިޔަފާރީގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި ސިޔާސަތު ކަނޑައެޅުމަށް، ނެޝަނަލް އެގްރި ކައުންސިލް އެއް އުފެއްދުން މަށްވެސް ޑްރާފްޓްގައި ވަނީ ހިމަނައިފަ އެވެ.

އެކައުންސިލްގެ ދަށުން މީހުން ތަމްރީންކުރުމާއި، ލޯނު ދޫކުރުމުގެ އިތުރުން، ދެކުނާއި އުތުރުގައި ޤާއިމް ކުރާ އެގްރި ސެންޓަރުތައް، ކަނޑައެޅޭ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ކަނޑައެޅޭ އުސޫލެއްގެ ދަށުން ބެލެހެއްޓުމާއި، އެގްރި ސެންޓަރުތަކަށް ރަށްތަކުން ދަނޑުވެރިކަމުގެ އުފެއްދުންތަކާއެކު ދަތުރުކުރާ އެގްރި-ކާގޯ ބޯޓުތަކުގެ ދަތުރުފަތުރުގެ ނިޒާމް ބެލެހެއްޓުމާއި އެކަމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމާއި، އުފެއްދުންތަކުގެ ކޮލިޓީ ކޮންޓްރޯލްކުރުމުގެ ޒިންމާވެސް ޑްރާފްޓްގައި މަތިކޮށްފައިވަނީ، ނެޝަނަލް އެގްރި ކައުންސިލަށެވެ.

ކޮންމެ ރަށު ކައުންސިލެއްގައި ފަސް މީހުންގެ މައްޗަށް އެކުލެވޭ ރަށު އެގްރި-ކޯޕަރޭޝަނެއް ޤާއިމްކުރުމަށް ވެސް ބިލުގެ ޑްރާފްޓްގަިއ ހިމަނާފައިވެ އެވެ. އަދި މިކޯޕަރޭޝަންތަކުގައި އެގްރިވިޔާފާރީގެ މަސައްކަތް ކުރާ އަންހެނަކު އިނުން ލާޒިމްކޮށް، ނެޝަނަލް އެގްރި ކައުންސިލް އިން ކަނޑައަޅާ އަގުތަކަށް ރަށު އެގްރި-ކޯޕަރޭޝަންއިން، އެރަށެއްގައި އެގްރިވިޔަފާރިކުރާ މީހުންގެ އުފެއްދުންތައް ގަނެ، ވަގުތުން ފައިސާ ހަވާލުކުރުމަށްވެސް ވަނީ ހިމަނައިފަ އެވެ.

"މިގޮތުން ރަށު ރައްޔިތުން އަތުން ގަންނަ އުފެއްދުންތައް އެގްރި-ކާގޯ ބޯޓާ ހަމައަށް ފޯރުކޮށްދީ، އެރަށެއް ހިމެނޭ ސަރަހައްދުގެ އެގްރި ސެންޓަރަށް ވިއްކުން. (ނެޝަނަލް އެގްރި ކައުންސިލް އިން ކަނޑައަޅާ އަގުގައި). އަދި އަތޮޅުގެ ރިސޯޓުތަކަށް މިއުފެއްދުންތައް ވިއްކުން،" ކަމަށް ޑްރާފްޓްގައި ހިމަނާފައިވެ އެވެ.

މިގޮތުން ރަށު އެގްރި ކޮމިޓީއަށް ލިބޭ އާމްދަނީއަކީ ރަށު ތަރައްޤީއަށް ކައުންސިލްތަކުން ބޭނުންކުރުމަށް ރައްކާކުރާ ފައިސާކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.