ނ. އަތޮޅުގެ ރަށެއްގެ ސްކޫލްގެ އަންހެން ޓީޗަރު އެ ސުލޫކުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވީ، ޖިންސީ ގޯނާ ކޮށްފައި ވަނީ އެރަށު ސްކޫލުގައި ކީސްޓޭޖު ދޭކަށް ހިސާބު މާއްދާ ކިޔަވައިދޭ އެހެން ރަށެއްގެ ޓީޗަރެއް ކަމަށެވެ.
"ޓީޗަރު އެކުއްޖާއަށް އެޕްރޯޗު ކުރީ ވާހަކަ ދައްކައިގެންނާއި އެއްޗެހި ދީގެންނާ އެ ކަހަލަ ގޮތްގޮތައް،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.
"މިހާރު ރޭގެ ވަގުތެއްގައި ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައި ރަށުން ބޭރުކޮށްފައި. އަދި ސުކޫލުން ކަނޑާލިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވޭ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ދަރިވަރާ ޖިންސީ މުއާމަލާތް ކުރީ ޒުވާން ޓީޗަރެކެވެ. އޭނާ ޖިންސީ މުއާމަލާތްކޮށްފައިވަނީ ގްރޭޑް 10އެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ފިރިހެން ދަރިވަރަކާ އެވެ.
"އެ ދަރިވަރުގެ ކްލާސް ކުދިންނަށް ކޮންމެވެސް ވަރަކަށް ޝައްކުވެގެން އެގޮތަށް މި އެނގުނީ. ދެން ގާތް ކުއްޖެއް އެއީމަ މި ކިޔާދިނީ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި އުމުރުން 25 އަހަރުގެ އެ ޓީޗަރު އެރަށު ސްކޫލްގައި ވަޒީފާ އަދާކުރާތާ ގިނަ އަހަރުތަކެއް ވެދާނެ އެވެ.
"ވަޒީފާ އަދާކުރާތާ ފަހެއް ނުވަތަ ހަތަރު އަހަރު ވެދާނެ. އެ ޓީޗަރު ވަރަށް ގިނަ ކުދިންނަށް އެޕްރޯޗްކޮށްފައި ހުރި ކަމަށް ވަނީ. އޭގެތެރޭގައި ރަށުން ބޭރު ކުދިން ވެސް ހިމެނޭ،" ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޯތް ޕޮލިސް ޑިވިޝަން (ނ. ފ. ބ. ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލާގައި އިތުރު ކުދިންތަކެއް ވެސް އެ އަންހެން މީހާގެ ސަބަބުން ޖިންސީ ހާނިއްކައަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވޭ. މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.