ޚަބަރު

އެމްޑީޕީ މަޖިލިސް 19 އެޖެންޑާ : ކޮންމެ އަތޮޅެއްގެ 40 ޕަސެންޓް ގުދުރަތީ ރިޒާވަށް

އަހުމަދު ޖައިޝަން

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ 40 ޕަސެންޓަކީ ގުދުރަތީ ރިޒާވްގެ ގޮތުގައި ހިމެނޭ ބައެއް ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ. އެގޮތަށް އެމްޑީޕީން ނިންމާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކުލަވައިލައިފައިވާ، ދިވެހީންގެ ގުދުރަތީ ވާރުތަމުދާ އާލާކޮށް ދިރުވުމުގެ ގާނޫނުގެ ޑްރާފްޓުގައެވެ.

އެ ޑްރާފްޓުގައި ބުނެފައިވާގޮތުން ކޮންމެ އަތޮޅަކުންވެސް 40 ޕަސެންޓް ފަރާއި ރަށުގެ ސަރަހައްދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހައި ކުޅި ފާ ލައްބަތައް ގުދުރަތީ ރިޒާވްގެ ގޮތުގައި ހިމެނޭނެއެވެ. ގުދުރަތީ ރިޒާވުގެ ގޮތުގައި ކަނޑައަޅާ ތަންތަން އޭގެ ގުދުރަތީ ޒާތަށް އެއްވެސް ބަދަލެއް އަތުވެދާނެ ގޮތަކަށް ބޭނުމެއް ނުކުރޭވެނެ ކަމަށް އެ ޑްރާފްޓުގައި ވަނީ ބުނެފައެވެ.

އަދި ރިޒާވުގެ ގޮތުގައި ތަނެއް ކަނޑައަޅަން ވާނީ އަތޮޅު ރައްޔިތުންގެ ރުހުމާއި އެކު ފާސްކުރާ ލޭންޑުޔޫސް ޕްލޭނެއްގެ ތެރެއިން ކަމަށާއި އެތަންތަނުގެ ބެލެނިވެރިކަން ކުރާނީ އެ ކައުންސިލުތަކުން ކަމަށްވެސް އެ ޑްރާފްޓުގައި ވަނީ ހިމަނައިފައެވެ.

ރިޒާވް ބޭނުން ކުރަންވާނީ ރިސޯސް މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލައި އެ ޕްލޭނާ އެއްގޮތަށް ކަމަށާއި އެ ޕްލޭން އެކުލަވައިލާނީ އެ ސަރަހައްދުގެ ހާލަތާއި އިޖުތިމާއީ އަދި އިގްތިސޯދީ މުހިއްމު ކަމަށް ބަލައިގެން ކަމަށް ވެސް އެ ޑްރާފްޓުގައި ބުނެއެވެ.

ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކާއި ތަންތަނަކީ ބަންޑާރަ ތަންތަނެވެ. އެގޮތުން ކޮންމެ ރަށެއްގެ ހޭޅިއާއި ފަރާއި ފަޅާއި ތުނޑިއަކީ ހިމާޔަތްކުރެވިފައިވާ ތަންތަން ކަމަށާއި އެތަންތަނަކީ އާންމުންގެ ހިތްފަސޭހައަށް ހުޅުވާލެވިފައިވާ ތަންތައް ކަމަށް ހެދުމަށް ޑްރާފްޓުގައި ވަނީ ހިމެނައިފައެވެ.

އޭގެއިތުރުން ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ތަންތަނަކީ ހިމާޔަތްކުރެވިފައިވާ ތަނެއްކަމުގައި ކަނޑައަޅައި، އިހްތިސާސް ލިބިފައިވާ ދައުލަތުގެ މުއައްސަސާއަކުން ބަދަލުދިނުމާއެކު ދައުލަތަށް ނެގިދާނެ ކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.