އިބްރާހިމް ޒަކީ
މާލެ އާއި ވިލިގިއްޔާއި ގުޅީފަޅާއި ތިލަފުށި ގުޅުވާލާ މަގުގެ މަސައްކަތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ ކޮންޓްރެކްޓް ހަވާލު ކުރާނެ އުސޫލުތައް ގާނޫނަކުން ކަނޑައަޅަން އެމްޑީޕީން ނިންމައިފި އެވެ.
އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ، ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރު ކޮށްފައިވާ ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ޑްރާފްޓުގަ އެވެ.
އެމްޑީޕީން ބުނެފައި ވަނީ ގުޅީފަޅާއި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ ޑިޒައިންތަކާއި ހިސާބުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތް ޓެންޑަރކުރުމާއި، އެ ޓެންޑަރ ކާމިޔާބުކުރާ ފަރާތްތަކަށް ކޮންޓްރެކްޓް ހަވާލުކުރާނޭ އުސޫލުތައް ވެސް ގާނޫނުގައި ކަނޑައަޅާނެ ކަމަށެވެ.
ބިން މަދުވެފައިވާ ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ހިނގާނޭ ގޮތްތަކުގެ އުސޫލާއި، ބިން ހިއްކޭނެ ފަޅު ނެތް ރަށްރަށް ގާތުގައިވާ އެހެން ރަށްރަށާއި ގުޅުވާލައި، ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނޭ އުސޫލުތައް ގާނޫނުގައި ކަނޑައަޅައި، ހުޅުމާލޭގައި މިހާރު ހިއްކާފައިވާ ބިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނޭ ގޮތުގެ އުސޫލުތައްވެސް ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.