ޚަބަރު

ރާއްޖެ ވީހާވެސް އަވަހަކަށް ކޮމަންވެލްތާ ގުޅުމަށް ކުރަން ޖެހޭ ކަންތައްތައް ދަނީ ކުރަމުން : ކޮމަންވަލްތު އެސްޖީ

އަހުމަދު ޖައިޝަން

ދިވެހި ރާއްޖެ ވީހާވެސް އަވަހަކަށް ކޮމަންވެލްތާ އަލުން ގުޅުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ވިދާޅުވެއްޖެއެވެ.

ޕެޓްރީޝިއާ މިހެން ވިދާޅުވީ އެމެރިކާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް އޭނާ ވިދާޅުވީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ކޮމަންވެލްތާ ގުޅުމުގައި ކުރަން ޖެހޭ ހުރިހާ އެސެސްމެންޓެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ޕެޓްރީޝިއާ ވަނީ މިނިސްޓަރު ޝާހިދަށް ދެއްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތާ ގުޅުމަށް މަސައްކަތްކުރާއިރު އެ ޖަމިއްޔާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.