ޚަބަރު

ސްވޮޓްގެ ކުރީގެ ކޮމާންޑަރާއެކު ހައްޔަރުކުރި ހަ ފުލުހުން ވެސް ދޫކޮށްލައިފި

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހައްޔަރުކުރި ސްޕެޝަލްސް އޮފަރޭޝަން (އެސްއޯ)ގެ ހަ ފުލުހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފިއެވެ.

މިއަދު ހަ ފުލުހަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް އަމުރު ކުރި އިރު، އިއްޔެ ވަނީ އެސްއޯގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް)ގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިނާއި ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ ފާއިޒު މުހައްމަދު ބަންދުން ދޫކޮށްލައިފިއެވެ. ސައިފާއި ފާއިޒުގެ އިތުރުން ހައްޔަރުކުރި ހަ ފުލުހުން ވެސް ވަނީ އެސްއޯއީގެ ދަށުން ފެބްރުއަރީ މަހު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ ކުރިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ނަމަވެސް، އެ ހަ މީހުން މިއަދު ދޫކޮށްލީ އެމީހުން ބަންދުން ދޫކޮށްލިޔަސް މައްސަލައެއް ނެތް ކަމަށް ފުލުހުން އެންގުމާ ގުޅިގެން ދައުލަތުގެ ވަކީލު ވެސް އެމީހުން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށް ވިދާޅުވުމުންނެވެ.

މިއަދު ހައްޔަރުން ދޫކޮށްލި ހަ މީހުންނަކީ މުހައްމަދު ޝާމިނާއި އަހްމަދު އާސިމާއި އަބްދުﷲ ރިޔާޒާއި އަލީ ރިސްވާން އަހުމަދާއި ހަސަން ނަސީރު އަދި އަލީ ނަސީރެވެ. އެމީހުންނަށް ކުރި ދައުވާ ސާވިބު ވެއްޖެ ނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މިހާރު އެމީހުން ބަންދުގައި ހުންނަތާ ވެސް އެއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.