އިބްރާހިމް ޒަކީ
އެއްފަޅެއްގެ ތެރޭގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްތައް ފާލަމަކުން ގުޅާލައި ލޯކަލް އެއާޕޯޓްތައް ބަޖެޓް އެއާލައިންތަކަށް ގާނޫނަކުން ހުޅުވާލާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން މި ގޮތަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޭނުން ކުރުމަށް ކަނޑައަޅާފައިވާ މެނިފެސްޓޯގައި، ހިމަނާފައިވާ، ދަތުރު ފަތުރާބެހޭ ގާނޫނުގެ ބިލުގަ އެވެ.
އެ ބިލުގައި ބުނެފައިވަނީ، ވައިގެ ދަތުރުފަތުރާ ބެހޭ އުސޫލުތަކުގެ ތެރެއިން، ލޯކަލް އެއާޕޯޓްތައް ބަޖެޓް އެއާލައިންތަކަށް ހުޅުވައިލާނެ ކަމަށެވެ.
އަތޮޅުތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް، ފެރީ ނިޒާމެއް ނެތް ތަންތާގައި ފެރީގެ ނިޒާމެއް ތައާރަފު ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށްވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ހުރިހާ ރަށެއްގައި ބަނދަރު ހަދައި ނިންމުމާއި އެ ތަންތަނަކީ އިގްތިސާދީ ހަރަކާތްތައް ހިންގާ ބާޒާރު ބަނދަރުތަކަކަށް ހެދުމާއި ސަޕްލައި ފެރީ ތައާރަފުކުރުމާއި
ފެރީ ޓާމިނަލްތައް ހަދަން ޖެހޭ ރަށްތައް ފާހަގަކޮށް ފެރީ ޓާރމިނަލްތައް ގާއިމް ކުރުމަށްވެސް ވަނީ ހިމަނައިފަ އެވެ.
ސީޕްލޭންގައި ދަތުރު ކުރަން ބޭނުންވާ މީހުންނަށް ބޯޑު ކުރެވެންދެން މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ރަށްރަށާއި، ކައިރި ރިސޯޓުތަކުގެ ޖެޓީ އޭރިއާއިން ތަނެއް ހަމަޖެއްސުމަށްވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.