ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ (ޓީވީ އަދި ރޭޑިއޯގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް) އަދި ރީބްރޯޑްކާސްޓްކުރާ (ކޭބަލްޓީވީގެ ހިދުމަތްދޭ ފަރާތްތައް) ސްޓޭޝަންތަކުން ދައްކަން ޖެހޭ އަހަރީ ފީ މައާފުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދެފި އެވެ.
ބްރޯޑްކޮމް އިން ރައީސަށް ފޮނުވި ސިޓީގައި ވަނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތާ ގުޅިގެން، ތަފާތު ސިނާއަތްތަކަށް ބޮޑެތި މާލީ ގެއްލުންތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި މި ހާލަތާ ގުޅިގެން ރާއްޖޭގެ ގިނަ ސިނާއަތްތަކަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި މި ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން މި ގެއްލުންތައް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިމަތިވަމުންދާ ކަމަށް ސިޓީގައިވެ އެވެ.
އެގޮތުން ބްރޯޑްކާސްޓިންގެ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށްވެސް ބްރޯޑްކޮމްއިން ބުންޏެވެ.
އެހެންކަމުން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ލުއިތަކެއް ދިނުމަށް އެދި ރައީސަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން، މިދިޔަ އަހަރު ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ސްޓޭޝަންތައް ހިންގުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން ބްރޯޑްކޮމް އިން އެ ފަރާތްތަކާއެކު ކުރި މަޝްވަރާތަކާއި އެއްކުރި މައުލޫމާތުގެ މައްޗަށް ރިޕޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ސްޓޭޝަންތައް ހިންގުމަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި ކަމާގުޅޭ އެހެން ފަރާތްތަކަށްވެސް ބްރޯޑްކޮމް އިން ވަނީ ސިޓީ ފޮނުވައިފަ އެވެ.