އިބްރާހިމް ޒަކީ
އެއްވެސް މެދުވެރިއެއްނެތި ރާއްޖޭން ބޭރުގެ މާކެޓްތަކަށް ދިވެހި މަސްވެރީންނަށް މަސްކިރޭނެ އިންތިޒާމްހަމަޖައްސައި ގާނޫނުގައި އެކަން ކަނޑައަޅާނެކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތައް، އެގޮތަށް ހަމަޖައްސާނެ ކަމަށް އެމްޑީޕީިން ބުނެފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓުންނަށް ބޭއްވި ވޯކްޝޮޕްގައި މަޖިލިސް ތެރެއިން، ގާނޫނުތަކަށް ގެންނަން ކަނޑައަޅާފައިވާ އިސްލާހް ތަކުގެ ތެރެއިން، މަސްވެރީންނަށް ހަމަ އަގު ހޯދައިދިނުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ކަރުދާހުގަ އެވެ.
އެ ކަރުދާހުުގައި އެމްޑީޕީިން ބުނެފައިވަނީ، މެދުވެރިއަކާނުލައި، ރާއްޖޭން ބޭރުގެ މާކެޓްތަކަށް ދިވެހި މަސްވެރީންނަށް މަސް ކިރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ދިވެހި މަސްދޯނިފަހަރު، ރާއްޖެއިންބޭރަށް ގޮސް، ސިރީ ލަންކާގެ މާރުކޭޓުތަކަށް މަސްވިއްކުމުގެ ފުރުސަތު ހުޅުވާލުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
ދަތުރު ދިގުވުމާއި، ކިރައިގެން ލިބޭ އަގު ދަށްވުމާއި، ކައްކާ ހިއްކައިގެން ލިބޭ އާމްދަނީން ދެކޮޅުނުޖެހިގެން މަސްވެރިކަމުން ފެއަށްޖެހޭ، ކުދި އުޅަނދު ފަހަރަށްވެސް އަލުން އަނބުރައި މަސްވެރިކަމަށް އާދެވޭނޭ ގޮތްތަކެއް ތައާރަފުކުރުމުުގެ ގޮތުން، ރަށްރަށާއި އަމިއްލަ ގޭގޭތެރޭގައި، ކުދި މަސްޕްލާންޓް ހަދައި ހިންގޭނެ ހަމަތައް ތައާރަފުކުރެވޭނެ ކަމަށް ވެސް އެ ކަރުދާހުގައި ބުނެފައިވެ އެވެ.
ކަންނެލީގެ އަގު ބޮޑުކުރުމަށްޓަކައިވެސް އުސޫލުތަކެއް ވަނީ ކަރުދާހުގައި ހިމަނައިފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާ ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް ހެދޭ "އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް" ގާއިމްކުރެވޭނެ އެވެ.
އައިސް އާއި ތެޔޮ އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދެވޭނެއެވެ. އަދި ސަރުކާރާއި އަމިއްލަފަރާތްތައް ހިއްސާވާ ކުންފުނި ތަކަކުން ކަންނެލި ޖަގަހަތައް ގާއިމްކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ މަސްކަނޑުތައް ހަމައެކަނި ދިވެހީންނަށް ހުޅުވާލުމަށް ގޮތްތަކެއް ކަނޑައެޅުމަށްވެސް ކަރުދާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ދިވެހި ފަޅުވެރީންނާއި އެކު މަސްވެރިކަން ކުރާ ދިވެހި ބޯޓުފަހަރަށެވެ.
ނަމަވެސް މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަ ދެވޭނެއެވެ.
މީގެ އިތުރުން މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް، ރޯމަސް ގަނެ އެސްޕޯޓުކުރުމުގެ ހުއްދަ އިސްތިސްނާއެއް ނެތި އެންމެ ހާ ދިވެހި އަދި ބިދޭސީ ކުންފުނި ތަކަށް މަގުފަހި ވެގެން ދާނެ ކަމަށްވެސް އެ ކަރުދާހުގައި ހިމަނާފައިވެ އެވެ.