ރާއްޖޭގެ އެކި ދާއިރާތަކުގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނެ އަދަދެއް ކަނޑައެޅުމަށް އެމްޑީޕީން އެކުލަވައިލާ ގާނޫނުގެ ކޮންސެޕްޓް އާންމުކޮށްފިއެވެ.
އެމްޑީޕީގެ އެޖެންޑާ19ގެ ދަށުން އެޕާޓީން 19 ވަނަ މަޖިލިހަށް ހުށައަޅަން ގަސްދުކުރާ ގާނޫނުގެ ކޮންސެޕްޓަށް ވަނީ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
އެ ކޮންސެޕްޓުގައި ބުނާގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އެކި ސިނާއަތްތަކަށް ބަހާލައިގެންނެވެ. އެގޮތުން އާންމު ހިދުމަތްތަކުގެ ވަޒީފާއަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑަޅައިފައިވަނީ ދުވާލެއްގެ މައްޗަށް 200 ރުފިޔާގެ ގޮތުގައެވެ.
އުޖޫރައެއްގެ ގޮތުގައި ދެވޭ އެންމެ ކުޑަ އަދަދަކަށް ރިސޯޓުތަކުގެ ހިންގުމުގެ ސިނާއަތަށް ކަނޑައަޅާފައިވަނީ ދުވާލެއްގެ މައްޗަށް 333.33 ރުފިޔާ އެވެ.
އެ ކޮންސެޕްޓުގައި ފާހަގަކޮށްފައިވާ އެހެން ސިނާއަތްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާއަތު (ދުވާލަކަށް 266.67 ރުފިޔާ)
ސިއްހީ ހިދުމަތް ދިނުން (ދުވާލަކަށް 266.67 ރުފިޔާ)
ތަޢުލީމީ ހިދުމަތްދިނުން (ދުވާލަކަށް 266.67 ރުފިޔާ)
ދަތުރުފަތުރުގެ ސިނާއަތު (ދުވާލަކަށް 266.27 ރުފިޔާ)
ފަތުރުވެރިކަމުގެ އެހެނިހެން ސިނާއަތް (ދުވާލަކަށް 200 ރުފިޔާ)
ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތު (ދުވާލަކަށް 200 ރުފިޔާ)
އެ ގާނޫނު ކޮންސެޕްޓުގައި ބުނެފައިވަނީ އެކި ދާއިރާތަކަށް އުޖޫރަ ކަނޑައަޅާފައިވަނީ އެ ދާއިރާތަކުން ދެމުން އަންނަ އެންމެ ކުޑަ އުޖޫރައަށް ބެލުމަށްފަހުގައި ކަމަށެވެ.