ޚަބަރު

ފުލުހުންނަށް ޒަމާނީ ތައުލީމާއި ތަމްރީނުތައް ތަކުރާރުކޮށް ލިބެންޖެހޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

އިބްރާހިމް ޒަކީ

ފުލުހުންނަށް ޒަމާނީ ތައުލީމާއި ތަމްރީނުތައް ތަކުރާރުކޮށް ލިބެންޖެހޭ ކަމަށާއި، އެފަދަ ތައުލީމާއި ތަމްރީނު ތައާރަފުވެފައިވުމަކީވެސް މުހިންމު ކަމެއްކަމަށް، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީން ހިންގި 30 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ބައިވެރިންނަށް ސެޓްފިކެޓްދިނުމަށް ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ގައުމުގެ ދާހިލީ ހަމަނުޖެހުން ނަގައިލަން މަސައްކަތްކުރާ މީހުން އަބަދުވެސް މަސައްކަތްކުރާނީ އަޅުގަނޑުމެން ބައިބައިކޮށް، ބަލިކަށި ކޮށްލަންކަމަށާއި އެމަސައްކަތުގައި އެންމެ ބޮޑު ހުރަހަކަށްވާންވާނީ ތައުލީމާއި ތަމްރީނު ލިބިފައިތިބި، އަމުރަށް ތަބާވާން ދަސްވެފައިތިބި ދިވެހި ފުލުހުންކަމަށެވެ.

އެހެންކަމުން ފުލުހުންނަށް ޒަމާނީ ތައުލީމާއި ތަމްރީނުތައް ތައާރަފުވެފައިވުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ގައުމުގެ ފަރުދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިވެފައިި އޮތުމަކީ މުހިންމުކަމެއްކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މިއީ ފަރުދީ ގޮތުން ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި މި ޒިންމާއިން ފުލުހުން އިސްތިސްނާ ނުވާކަމަށް ވިދާޅުވިއެވެ.