ޚަބަރު

އިންތިހާބީ ކަންތައްތަކާބެހޭ އެންމެ ބޮޑު ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

އިބްރާހިމް ޒަކީ

އިންތިހާބީ ކަންތައްތަކާބެހޭގޮތުން ބާއްވާ، އެންމެ ބޮޑު ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް އިއްޔެ ވިދާޅުވި ގޮތުގައި، ދުނިޔޭގެ 60އަށްވުރެ ގިނަ ގައުމުން ބައިވެރިވާ "އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް" ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުގައެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިންތިހާބާ ގުޅުންހުރި ގައުމީ މުއައްސަސާތަކުގެ ސަތޭކައަށްވުރެގިނަ މަންދޫބުން ބައިވެރިވާނެ އެވެ.

އަކުރަމް ވިދާޅުވީ، މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާތީ، އިންތިހާބާބެހޭ ކަންތައްތަކުގެ އިތުރުން، އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ލިބޭނެ ފައިދާތަކާމެދު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު އިލެކްޝަން ކޮމިޝަނުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިއީ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ބައްދަލުވުމެއް، ރާއްޖެއަކީ ދުނިޔޭގައި މަޝްހޫރު ބްރޭންޑެއްވީމަ ރާއްޖެ އިސްތިހާރުކުރުމަށް ލިބޭ ފުރުސަތަކަށްވެސް މި ފުރުސަތުވާނެ، އެހެންކަމުން އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ނެގިދާނެ ފައިދާތަކާމެދު ކަމާބެހޭ ފަރާތްތަކާއެކު އަންނަނީ މަޝްވަރާ ކުރަމުން،" އަކުރަމް ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ، "އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް" އަކީ ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުން ބޭއްވެނީ އެފަހަރަކު ކަނޑައެޅޭ ވަކި ގައުމެއްގައި ކަމަށާއި، އައިސިސްގެ އިންޒާރުތަކާ ގުޅިގެން މިދިޔަ އަހަރުގެ ބައްދަލުވުން ތާރީހަށް ނުބޭއްވި މިއަހަރަށް ލަސްވެފައިވާ ކަމަށާއި، އެ ބައްދަލުވުން އިއްޔެއިން ފެށިގެން ގާނާގައި ކުރިއަށްދާކަމަށް ވެސް ވިދާޅުވި އެވެ.

ގާނާގައި ކުރިއަށްދާ މި ބައްދަލުވުމުގައި، ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ، އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު އާއި އެނަލިސްޓް އަހުމަދު މުއާޒް އެވެ.

"އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް" އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިންތިހާބާބެހޭ އިސް މުއައްސަސާތަކުން ބައިވެރިވެގެން، އިންތިހާބުތަކުގައި ދިމާވާ މައްސަލަ ތަކާއި، އިންތިހާބުތައް މިނިވަން ކޮށް، އަވަސް ކުރުމުުގައި ދިމާވާ ދަތިތައް ހައްލު ކުރުމާބެހޭގޮތުން ވާހަކަ ދައްކައި ގައުމުތަކުގެ އިންތިހާބާބެހޭ ކަންތަކުގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، އިންތިހާބުތަކުގައި ބޭނުން ކުރުމަށް އެކި ފަރާތްތަކުން އަލަށް އުފައްދާ އާލާތްތައް ތައާރަފުކޮށް އެ އާލާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުންވެސް އޮވެ އެވެ.

އަކުރަމް ވިދާޅުވީ، ސަތޭކައަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވާތީ، އެ ހުރިހާ މަންދޫބުންނާއެކު ބައްދަލުވުން ކުރިއަށްގެންދެވޭނެ ތަނެއް ހަމަޖެއްްސުމާމެދު ސަރުކާރުގެ މުއައްސަސާތަކާއެކުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.