ޚަބަރު

ކޮމެޓީން ހާޒިރު ކުރަން ބޭނުންވާ ފަރާތްތަކުން އެއްބާރުލުން އަދި ލިބޭ، މައުލޫމާތު ނުދިނުމަކީ ގާނޫނީ ކުށެއް: އަސްލަމް

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީއަށް މިހާތަނަށް ހާޒިރު ކުރަން ބޭނުން ވި ފަރާތްތަކުން އެއްބާރުލުން ދީފައިވާ ކަމަށާއި މައުލޫމާތު ނުދިނުމަކީ ކުށެއް ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވެފައިވަނީ، މަޖިލީހުގެ 241 ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"ކޮމެޓީއަށް އަޅުގަނޑު ގަބޫލުކުރާ ގޮތުން އެންމެ މުހިންމު މި ވަނީ މިވަގުތު ކޮމެޓީއަށް ބޭނުންވާ މައުލޫމާތުތައް ހުރިހާ ފަރާތްތަކަކުން ވެސް ކޮމެޓީއަށް ލިބިގެން ދިއުން. އެ މަގުގަ މަސައްކަތް ކުރަމުން މި ދަނީ. ކާކު ކޮން މައުލޫމާތެއް ނުދޭން އުޅުމަކީ އަދި ނުދިނުމަކީ ގޯހެއް. ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ގާނޫނީ ހަމަތައް ބަޔާން ކުރާ ގޮތުން ކުރެވޭނެ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީހުން އަލަށް ކުރާ ކަމެއް ކަމަށާއި އެހެން ކަމުން އިދާރީ ކުދި ކުދި މައްސަަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.

"ސިފައިން ވެސް ފުލުހުން ވެސް ހާޒިރުވަމުން ދަނީ. އަދި އެއްވެސް މުއައްސަސާއަކުން ބޭފުޅަކު ހާޒިރު ނުވުމުގެ މައްސަލައެއް ދިމައެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"މައުލޫމާތު ނުދޭން އުޅުމަކީ އަދި ނުދިނުމަކީ ގޯހެއް. ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ގާނޫނީ ހަމަތައް ބަޔާންކުރާ ގޮތުން ކުރެވޭނެ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ކޮމެޓީން ކުރަމުން އަންނަ މަސައްކަތަކީ ކުށްވެރިންގެ ގޮތަށް މީހުން ހާޒިރުކޮށް ތަހުގީގު ކުރުން ނޫންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ބަލަމުން އަންނަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމާއި ބައެއްގެ އިހުމާލު އޮތްތޯ ކަމަށެވެ.

"ވަކި ފަރުދަކާ އަދި ގުޅުން ހުއްޓަސް ފަރުދީ ކަމަކާ ގުޅިގެން ކުރާ މަސައްކަތެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް. ގައުމީ ސަލާމަތާ ގުޅިފައި ހުރި މަސައްކަތެއް،" އަސްލަމް ވިދާޅުވި އެވެ.

ކޮމެޓީން މަސައްކަތް ކުރަމުން އަންނަނީ މިނިވަންކަމާ އެކު ވަކި އަތަކަށް ނުޖެހި ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ހުރިހާ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދަނީ ސިއްރުން ކަމަށްވާތީ އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދާނީ މިފަދަ ހަމަލާތައް ވެސް އިތުރަށް ދިނުމުގެ ފުުރުސަތު ކުޑަވެގެން ދިއުން،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟