ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗައިނާގެ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 36 އަހަރުގެ ޗައިނާ ފިރިހެނެއް މަރުވެގެން އޭޑީކޭ ހޮސްޕިޓަލަށް ރޭ 0103 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.
އެމީހާ މަރުވެފައިވާ އޮއްވައި ފެނިފައިވަނީ އޭނާ ހުރި ކޮޓަރީން ކަމަށް ފުލުހުން ބުނެއެވެ.
މިއަހަރު މިހާތަނަށް ގިނަ އަދަދެއްގެ މަރުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު ޕެރަޑައިސްގައި އެކަނިވެސް ވަނީ މި މަހު މީގެ ކުރީން މަރުގެ ދެ ހާދިސާ ހިނގައިފައެވެ.
އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ވަނީ އެ ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދެކުނު ކޮރެއާ އަންހެނެކެވެ.
އަދި މި މަހުގެ 19 ވަނަ ދުވަހު ވަނީ ޕެރަޑައިސް އައިލެންޑުގެ މޫދުގައި ފަތުވެރިޔަކު މަރުވެފައި އޮއްވާ ފެނިފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ޗެކް ރިޕަބްލިކް ފިރިހެނެކެވެ