އިބްރާހިމް ޒަކީ
ބިޑްނުކޮށް އަމިއްލަ ފަރާތްތަކުގެ އިސް ނެގުމާއެކު ސަރުކާރުގެ މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައި، އަމަލުކުރަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް އެކުލަވާލި "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" އަކީ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިޔަފާރީގެ ދާއިރާ އާއި ރަށްޓެހި މާހައުލެއް ގާއިމުކުރުމުގެ ސިޔާސަތަށް ބާރު އެޅުމުގެ ގޮތުން "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރައްވައިފި ކަމަށެވެ.
މި އުސޫލުގެ ދަށުން ވަކި މަޝްރޫއެއް ހިންގުމަށް ސަރުކާރުން އިއުލާން ނުކުރި ނަމަވެސް އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފަހިވެގެންދާނެއެވެ.
ރައީސ އޮފީހުން ބުނީ، ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭފަދަ މަޝްރޫއުތަކާ ގުޅޭ ޕްރޮޕޯޒަލްތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭފަދަ ޕްރޮޕޯޒަލްތައް ބިޑަށް ހުޅުވައިނުލިޔަސް، މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އިއުލާން ކޮށްފައިވާ، ނުވަތަ އިއުލާން ކުރުމަށް ތައްޔާރުވެފައިވާ މަޝްރޫއަކަށް މިއުސޫލުގެ ދަށުން ޕްރޮފޯސަލް ހުށައެއްނޭޅޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްރޮޕޯޒަލް ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓަށެވެ. ނަމަވެސް މިފަދައިން ބިޑްކުރުމަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލްތަކާ ގުޅިގެން އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލްކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލްގެ މަގުސަދަކީ ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ހިޔާލު ބައިވެރިކުރެވޭނެ ގޮތްތަކެއް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
އަލަށް އަމަލުކުރަންފެށި މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.