ވޯލްޑް ކަޕް ކޮލިފައިން

ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ 0-4 ސީރިއާ (ފުލްޓައިމް)

05 Jun 08:55

މެޗުގެ އުސްއަލިތައް:

  • ރާއްޖޭގެ ޑިފެންސް ލައިނުގެ އޯގަނައިޒޭޝަން ދަށްކަން މެޗުގައި ފާހަގަކޮށްލެވުނު.
  • ސީރިއާގެ ފުރަތަމަ ގޯލު ޖަހައިދިނީ މަހްމޫދު އަލްމަވާސް.
  • ޕެނަލްޓީއަކުން ސީރިއާގެ ދެވަނަ ގޯލު ޖަހައިދިނީ އަލާ އަލްދިން ޔާސިން ދާލީ.
  • އިތުރު ޕެނަލްޓީއަކުން ސީރިއާގެ ތިންވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން މަހްމޫދު އަލްމަވާސް.
  • އަލްމަވާސް ވަނީ ދެވަނަ ހާފުގައިވެސް އިތުރު ޕެނެލްޓީއެއް ކާމިޔާބުކޮށް ސީރިއާއަށް ހަތަރުވަނަ ގޯލު ޖަހައިދީފައި.
  • ރާއްޖޭގެ ޓީމުން ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލީ ދެވަނަ ހާފުގައި ހަމްޒާ.
  • ދެވަނަ ހާފުގައި ރާއްޖޭގެ އިތުބާރު ޑިފެންޑަރު ސަމޫހަށް އަނިޔާވެ ބާލަން ޖެހިފައިވޭ.
  • ސީރިއާގެ މައުއާދު އަލް އަޖާންއަށް މެޗުގައި ވަނީ ރަތް ކާޑު ދައްކާފައި.
  • ސީރިއާ އޮތީ ގްރޫޕް އެއްވަނައިގައި، އެޓީމަށް ވަނީ ކޮލިފިކޭޝަން ތިންވަނަ ބުރުގެ ފުރުސަތު ބޮޑުވެފައި.
  • ރާއްޖެ އޮތީ ތާވަލުގެ ހަތަރުވަނައިގައި، ބާކީ ދެން އޮތީ ދެ މެޗު.
05 Jun 08:53

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-0ގެ ނަތީޖާއަކުން ސީރިއާ ކުރީގައި އޮވެގެން.

05 Jun 08:47

'86 - ސީރިއާއަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އަލްމަވާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސީރިއާގެ މަރްދެކް މަރްދްކިއާން ފޮނުވާލި ބާރު ހަމަލާ، އިރުފާން ވަނީ ދިފާއުކޮށްފައި.

05 Jun 08:44

'85 - ދެވަނަ ރީނދޫ ކާޑަކާއެކު ސީރިއާގެ އަލަޖާންއަށް ރަތް ކާޑެއް ދައްކައިފި. އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކާފައިވަނީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވްކުރުމުން.

05 Jun 08:43

'82 - ރާއްޖޭގެ ސިފާއުއަށް ކުރި ފައުލަކާ ގުޅިގެން އަލަޖާންއަށް ރީނދޫ ކާޑެއް.

05 Jun 08:34
މުޙައްމަދު ޝަމްޢޫން

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރަށްވެސް ސީރިއާ ދަތުރު ކުރި. އެފަހަރު ވޯލްޑް ކަޕްގެ ޖާގަ ސީރިއާއަށް ގެއްލުނީ ހަނި ފުރުސަތަކުން. މިރޭގެ މެޗުން މޮޅުވެ ސީރިއާއަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރާ ގާތަށް ޖެހިލެވޭނެ. ގްރޫޕުގެ އެއްވަނަ ޔަގީންކޮށް ފައިނަލް ބުރަށް ދާން އެޓީމަށް ދެން ބޭނުންވަނީ ދެ ޕޮއިންޓް.

05 Jun 08:30

'71 - ސީރިއާގެ ޕެނަލްޓީ ކާމިޔާބުކޮށް، ހަތަރު ލަނޑުގެ ލީޑެއް ހޯދައިފި. ސީރިއާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލްވަމާސް. އެ ގޯލާއެކު އޭނާގެ ހެޓްރިކް ވެސް ވަނީ ފުރިހަމަވެފައި.

05 Jun 08:29

'69 - ސީރިއާއަށް ޕެނަލްޓީއެއް. މިއީ އެޓީމަށް ލިބޭ ތިންވަނަ ޕެނަލްޓީ. މި ޕެނަލްޓީ ސީރިއާއަށް ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ކަމެލް މެއިޝޭހްއަށް ރާއްޖޭގެ ސައިފް ކުރި ފައުލަކާ ގުޅިގެން.

05 Jun 08:25

ރާއްޖެއިން ދެވަނަ ހާފުގައި ދެ ބަދަލު ގެނައި އިރު، ސީރިއާ އިން ވެސް ވަނީ މިހާތަނަށް ތިން ބަދަލެއް ގެނެސްފައި.

05 Jun 08:25

'64 - ރާއްޖެއިން އިތުރު ބަދަލެއް. ސަމޫހުއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ސާއިފް.

05 Jun 08:23

ސީރިއާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިން އަލްމަވާސްއަކީ ރުމޭނިއާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބޮސްޓޮސާނީއަށް ކުޅެމުން އަންނަ ކުޅުންތެރިއެއް. އޭނާއަކީ 2012 ވަނަ އަހަރުން ފެށިގެން ސީރިއާ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެއް. ސީނިއާ ޓީމަށް ކުޅުމުގެ ކުރިން އޭނާ ވަނީ ސީރިއާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައި.

05 Jun 08:20

'60 - ރާއްޖޭގެ ބަދަލެއް. ހަމްޕުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ޝަމާލް. ޔުނައިޓެޑް ވިކްޓަރީއަށް ކުޅެމުން އަންނަ ޝަމާލްއަކީ ގައުމީ ސްކޮޑަށް އަލަށް ނެގި ކުޅުންތެރިއެއް. އެހެންކަމުން މި މެޗަކީ ގައުމީ ޖާޒީގައި އޭނާ ކުޅޭ ފުރަތަމަ މެޗު.

05 Jun 08:18

'59 - ސީރިއާގެ ހަމަލާއެއް. ޔޫސުފް މުހައްމަދު ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް.

05 Jun 08:14

ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓަށް ބަލާ އިރު، ފުރަތަމަ ހާފަށް ވުރެ މި ހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅު.

05 Jun 08:06

'46 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހަމްޕު ފޮނުވާލި ބާރު ހަމަލާ، ސީރިއާގެ ކީޕަރު އިބްރާހީމް އަލްމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

05 Jun 08:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

05 Jun 07:58

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެއް.
  • ރާއްޖޭގެ ޑިފެންސް ލައިނުގެ އޯގަނައިޒޭޝަން ދަށްކަން ފާހަގަކޮށްލެވުނު.
  • ސީރިއާގެ ފުރަތަމަ ގޯލު ޖަހައިދިނީ މަހްމޫދު އަލްމަވާސް.
  • ޕެނަލްޓީއަކުން ސީރިއާގެ ދެވަނަ ގޯލު ޖަހައިދިނީ އަލާ އަލްދިން ޔާސިން ދާލީ.
  • އިތުރު ޕެނަލްޓީއަކުން ސީރިއާގެ ތިންވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން މަހްމޫދު އަލްމަވާސް.
05 Jun 07:50

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމުނު އިރު، 3-0ގެ ނަތީޖާއަކުން ކުރީގައި އޮތީ ސީރިއާ.

05 Jun 07:47

'45+ - ޕެނަލްޓީ ކާމިޔާބުކޮށް، ސީރިއާ އިން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ސީރިއާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މަހްމޫދު އަލްމަވާސް. އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ރާއްޖޭގެ ގޯލުގެ މަތީ ކަނަކަށް.

05 Jun 07:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

05 Jun 07:45

'44 - ސީރިއާއަށް އިތުރު ޕެނަލްޓީއެއް. ސީރިއާއަށް މި ޕެނަލްޓީ ލިބުނީ ސީރިއާގެ މުހައްމަދު އަނީޒް ފޮނުވާލި ހަމަލާ، ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ޑިފެންޑަރު ސަމޫހުގެ އަތުގައި ޖެހުމުން.

05 Jun 07:40
މުޙައްމަދު ޝަމްޢޫން

ކުރިން ފާހަގަވިހެން މި ފެނުނީ ޑިފެންސްގެ ގޯސްތައް. އެ ގޯސްތަކުގެ ބޭނުން ސީރިއާ އިން ހިފާނެ ކަމަށް ކުރިންވެސް ބެލެވުނު. ރާއްޖެއިން ޑިފެންސް ކުރަމުންދިޔައީ ވަރަށް ބޮޑަށް އޯޕެން ކޮށްލައިގެން. ޕެކް ކޮށްލަން އުނދަގޫތަކެއް ދިމާވެގެން ފުލުފުލުގައި ރާއްޖެ ކޮޅަށް ދެ ގޯލު ވަންތަން މި ފެނުނީ.

05 Jun 07:39

'38 - ސީރިއާގެ އިތުރު ހަމަލާއެއް. އަލްމަވާސް ނަގައިދިން ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސީރިއާގެ އަލާ އަލްދިން ޔާސިން ދާލީ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

05 Jun 07:37
މުޙައްމަދު ޝަމްޢޫން

ސީރިއާއަކީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމު. އެޓީމުގެ ފަރާތުން ފެނިގެން މިދަނީ އެ ކޮލިޓީގެ ކުޅުން. މި ފެންނަނީ ރަނގަޅު ޕާސްތަކަކާއެކު ނުރައްކާކޮށް ކުޅެމުންދާ ތަން. ދިވެހި ޓީމަށް މެޗުގެ ބާކީ ބައިގައި މިފަދަ ގޮތަކަށް ޑިފެންސް ކުރަން ޖެހިއްޖެ ނަމަ މެޗުން މޮޅުވާން އުނދަގޫ ވާނެ. ހާއްސަކޮށް ޑިފެންސިވް މިސްޓޭކްތައް ފެންނަމުންދޭ. ދިވެހި ޓީމުން އެކަންކަން ރަނގަޅު ކުރަން ޖެހޭ.

05 Jun 07:33

'33 - ސީރިއާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ގޯލުގެ ލީޑެއް ހޯދައިފި. ސީރިއާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އައީސް އޮސްމާން.

05 Jun 07:33

'32 - ސީރިއާއަށް ޕެނަލްޓީއެއް. ސީރިއާއަށް އެ ޕެނަލްޓީ ލިބުނީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލާ އަލްދިން ޔާސިން ދާލީއަށް ކެޕްޓަން އަކޫ ކުރި ފައުލަކާ ގުޅިގެން.

05 Jun 07:30

'28 - ސީރިއާ އިން ގޯލެއް ޖަހައި، ލީޑު ހޯދައިފި. އަރިމަތިން ތައީރު ކުރޫމާ ދިން ބޯޅައަކުން ސީރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަހްމޫދު އަލްމަވާސް. އޭނާއަށް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް. އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަކަށް.

05 Jun 07:28

'26 - ސީރިއާއަށް އިތުރު ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސީރިއާގެ އައީސް އޮސްމާން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށް.

05 Jun 07:26

'24 - ސީރިއާއަށް ހުސް ފުރުސަތެއް. ރާއްޖޭގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ސީރިއާގެ އަލްމަވާސް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކީޕަރު ފައިސަލް ކަޓުވާލައި ހުސް ގޯލަށް ފޮނުވާލި ނަމަވެސް، ގޯލުގެ ލައިން މަތިން ކެޕްޓަން އަކޫ ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

05 Jun 07:22

21' ރާއްޖޭގެ ޑިފެންސްގެ އިތުރު ގޯހެއް. ރާއްޖޭގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅަ ހިފައިގެން ސީރިއާގެ އަލްމަވާސް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ނުރައްކާ ކުރެވިފައެއް ނުވޭ.

05 Jun 07:21

'19 - ސީރިއާއަށް ހުސް ފުރުސަތެއް. ކީޕަރު ފައިސަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެފައި ސީރިއާގެ އައީސް އޮސްމާން ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

05 Jun 07:19

'18 - ރާއްޖޭގެ އުމައިރު ބޯޅަ ހިފައިގެން ސީރިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، އޭނާއަށް ރަނގަޅަށް ހުރަސް ނަގައިދެވިފައެއް ނުވޭ.

05 Jun 07:15

'14- ސީރިއާގެ ހަމަލާއެއް. އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހުސައިން އަލް ވައީދު ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

05 Jun 07:14

ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް. ޑިފެންސްގައި ޓީމުގެ ހުރިހާ ކުޅުންތެރިން ބައިވެރިވަމުން އަންކަން ފާހަގަކުރެވޭ.

05 Jun 07:13

'12 - ސީރިއާއަށް ހުސް ފުރުސަތެއް. ކޯނަރަކުން ހުސްކޮށް ހުރެ ސީރިއާގެ މިދާނީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

05 Jun 07:12

އަރިމަތިން ކުޅެ، ހުރަސްތަކެއް ނެގުމަށް ސީރިއާ އިން މަސައްކަތްކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ރަނގަޅު ހުރަހެއް ނަގައިދެވިފައެއް ނުވޭ.

05 Jun 07:10

9' ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަމޫހުއަށް ސީރިއާގެ އަލްމަވާސް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

05 Jun 07:09

މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓަމުން އަންނަނީ ސާފް ޗެމްޕިއަންޝިޕް 2018ގެ އެންމެ މޮޅު ކުޅުންތެރިޔާ ފައިސަލް. އަދި އޭނާގެ ކުރިން ފެނިގެންދަނީ އެ މުބާރާތް ރާއްޖެއަށް ހޯދައިދިން ކެޕްޓަން އަކޫ.

05 Jun 07:07

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމުނު އިރު، ރާއްޖެއަށް ސީރިއާގެ ގޯލަށް ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ. ސީރިއާގެ ފަރާތުން ވެސް އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވޭ.

05 Jun 07:05

'4 - ސީރިއާގެ ނުރައްކާތެރި ހަމަލާއެއް. އަލާ އަލްދިން ޔާސިން ދާލީ ދުރުން ފޮނުވާލި ބާރު ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

05 Jun 07:03

'2 - ސީރިއާގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ސީރިއާގެ މުހައްމަދު އަނީޒް ފޮނުވާލި ބާރު ހަމަލާ، އަކްރަމްގެ ފައިގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށް.

05 Jun 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސީރިއާ އިން.

05 Jun 06:59

ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ވަނީ 2019 ވަނަ އަހަރު ސީރިއާ ދެކޮޅަށް ނުކުމެފައި. އެ މެޗުވެސް ކުޅުނީ ޑުބާއީގައި. އެ މެޗުގެ 2-1ގެ ނަތީޖާއަކުން ރާއްޖެ ބަލިވި އިރު، މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ).

05 Jun 06:54

މެޗަށް ދެ ޓީމު ވެސް ދަނޑަށް އަރައިފި.

އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިޓް ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އާއި ސީރިއާ ވާދަކުރާ ގްރޫޕް އޭގެ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް އަލުން ކުޅުން ފަށާފައި ވަނީ، ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ގާތްގަނޑަކަށް އަހަރަކަށް މެޗުތައް ފަސްކުރުމަށްފަހު. ފުރަތަމަ މެޗުތައް ކުޅޭ ގޮތަށް އޮތީ ޗައިނާގައި ނަމަވެސް، އެގައުމަށް ބައެއް ޓީމުތަކަށް އެތެރެ ނުވެވޭތީ މެޗުތައް ވަނީ ޑުބާއީއަށް ބަދަލު ކޮށްފައި. އަލުން ކުޅުން ފެށި ފަހުން މިހާތަނަށް ކުޅުނީ ޗައިނާއާއި ގުއާމް ބައްދަލު ކުރި މެޗު. މިރޭ ރާއްޖެ ނުކުންނާނީ ސީރިއާއާ ދެކޮޅަށް.

މިވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތީ ސީރިއާ. އެއީ ފަސް މެޗުން ފަސް މޮޅު ހޯދައި، 15 ޕޮއިންޓާއެކު. ދެވަނައިގައި ޗައިނާ އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު. ފިލިޕީންސް ގްރޫޕް ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކު. ހަތަރުވަނައިގައި އޮތީ ރާއްޖެ. ރާއްޖެއަށް ލިބިފައި ވަނީ ފަސް މެޗުން ހަ ޕޮއިންޓް. ހަ މެޗުން ޕޮއިންޓެއް ނުލިބި ގުއާމް އޮތީ ތާވަލުގެ ފުލުގައި. އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ފިލިޕީންސްގެ މައްޗަށް ޖެހިލަން މިރޭގެ މެޗަކީ މުހިއްމު މެޗެއް.