މޯލްޑިވްސް އިމިގްރޭޝަނުން އީމެއިލްގެ ޒަރިއްޔާއިން ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
މިމަހުގެ 17ގައި އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ މި އަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު އިމިގްރޭޝަނުން ވަނީ އީމެއިލްގެ ޒަރިއްޔާއިން ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެގޮތުން އިމިގްރޭޝަންގެ މެއިލް [email protected] އަށް ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމަށްފަހު، ހުރިހާ ލިޔެކިޔުންތައް ހަމަވާތާ 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ޕާސްޕޯޓުތައް ބަލައިގަތުމަށް މާލެ އާއި ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އެކަމަށް ހާއްސަ ސެންޓަރުތަކެއް ގާއިމް ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.
އިމިގްރޭޝަނުން ވަނީ މިއަދު އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކުމަށް ހާއްސަ ޕޯޓަލްއެއް ހެދުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑީސީއީއޯއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށް ފަހު އިމިގްރޭޝަނުން ކުރެއްވި ޓުވީޓެއްގައި ވަނީ ވަރަށް އަވަހަށް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ބުނެފައެވެ.
އޮންލައިންކޮށް އީމެއިލްގެ ޒަރިއްޔާއިން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވުމާއެކު މާލެއިން ބޭރުގައި އުޅޭ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް ލުއި ފަސޭހަތަކެއް ލިބެއެވެ.