ޚަބަރު

ދިރާގުގެ ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަތަރު ދުވަހަށް ބައެއް ހިދުމަތްތައް މެދުކަނޑާލަނީ

މަރިޔަމް ޝަހުދާ

ދިރާގުގެ ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަތަރު ދުވަހަށް ދިރާގުގެ ބައެއް ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފިއެވެ.

މިމަހު 31 އިން ފެށިގެން އަންނަ ފެބްރުއަރީ 3 އަށް ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ދިރާގުގެ ބައެއް ހިދުމަތްތައް މެދުކަނޑާލި ނަމަވެސް ފޯނުކުރުމާއި އެސްއެމްއެސް އަދި ޑޭޓާގެ ހިދުމަތް މެދުކަނޑާ ނުލާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. ނަމަވެސް މި މުއްދަތުގައި ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން އާންމު ކޮށްފައިވާ ބަޔާނެއްގައި ވެއެވެ.

މީގެ އިތުރުން 31 ޖެނުއަރީގެ 00:00 ފެށިގެން ފެބްރުއަރީ 1 ގެ 23:59 އަކާއި ހަމައަށް ކަސްޓަމާ ސާވިސް ސެންޓަރުތަކުގެ ހިދުމަތްތަކާއި ދިރާގު ޕާޓްނާޝިޕްތަކުގެ އިތުރުން ދިރާގު އޮންލައިން ހިދުމަތްތަކާއި ވެބްސައިޓްގައިވާ "ފެމައި އެކައިންޓް"، ދިރާގު މޯބައިލް އެޕް، މަމެން މޯބައިލް އެޕް އަދި ސެލްފް ކެއާ ޗެނަލްސްގެ ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ފެބްރުއަރީ 1 ވަނަ ދުވަހުގެ 00:00 އިންށިގެން 23:59 އަކާއި ހަމައަށް ޕްރިޕެއިޑް، ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް މެދުކެނޑިގެންދާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ވަނީ މިކަމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދި މިފަދަ މަސައްކަތްތަކަކީ ކުންފުނިން ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ހާމަކޮށްފައެވެ.