ޚަބަރު

ޓެރެރިޒަމްގެ ތުހުމަތުގައި އައްޑޫއިން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

މުއާވިޔަތު އަންވަރު

ޓެރެރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލި އަމުރު ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ ފަސް މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ މީހުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ފަސް އުމުރު އިސްތިއުނާފު ކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. ފަސް މީހުން ދޫކޮށްލި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެކަން ޕީޖީ އޮފީހުންވެސް ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އައްޑޫ އޮޕަރޭޝަނުގައި ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތިން މީހުންނެވެ. މީގެ ކުރިންވެސް ވަނީ އެކަކު ދޫކޮށްލައިފައެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.