އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި އެމްޑީޕީން ޝަރުއީ ދާއިރާއަށް ބަދަލު ގެނައުމަށް ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ޖަމީލް ވަނީ ޖުޑީޝަރީއަށް ބަދަލު ގެނައުމީ މުހިއްމު ކަމެއް ނަމަވެސް މިހާރު އެމްޑީޕީން ހުށަހަޅާފައިވާ ބަދަލަކީ ގާނޫނުގެ 141 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަމީލް ވަނީ ދުނިޔޭގެ އިންޑިއާ ފަދަ ގައުމުތަކުން އެ ގައުމުތަކުގެ ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކާއި ސުމޯޓޯ މައްސަލަތަކުގެ އިތުރުން ދުސްތޫރީ މައްސަލަތަކާ ވެސް އެމްޑީޕީން ހުށަހަޅާފައިވާ ބަދަލުތައް ހިލާފުވާކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލް ވަނީ ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނުތައް ބަދަލު ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އެކި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެކި ބަދަލު ގެނައުމަށް ހުށަހަޅާފައެވެ. އެއާއެކު އަތޮޅު ތެރޭގައި މިހާރު އޮތް ކޯޓު ސިސްޓަމްތައް ބަދަލު ކުރުމަށްވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.