މާލެ އަތޮޅު ގުޅީ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅީ ކައުންސިލް މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ގުޅީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވަނީ ބިމުގެ ދަތިކަމާއި، ރަށުގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުންކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ދަތިކަން ކައުންސިލަށް ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށް ކައުންސިލް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރުން، ރަށުގެ ތަރައްގީއަށްޓަކައި ކައުންސިލުން ކުރަން ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ގުޅީގައި ސަރުކާރުން ކުރިއަށްގެންދަވާނެ މަޝްރޫއުތަކާ ބެހޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާކުރައްވައިފައެވެ. އަދި، ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކިއެކި މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.