ޚަބަރު

ޝައިން ލާނާސް ޕްރީ ސުކޫލުން "2019 ކިޑްސް ރަން"ގެ ނަމުގައި ދުވުމެއް ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

ޝައިން ލާނާސް ޕްރީ ސުކޫލުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ''2019 ކިޑްސް ރަން'' ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ޝައިން ލާނާސް ޕްރީ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ކިނާނު ވިދާޅުވީ މި ދުވުމަކީ އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ގުޅުން ރަނގަޅުކޮށް ދަރިވަރުންގެ ހިތުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ކޮންމެ ދިރާސީ އަހަރެއްގެ ކިޔެވުން ފެށުމާއެކު ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ.

އެގޮތުން އަންނަ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން 10:00 އަށް ބެލެނިވެރިންނާއެކު ކުރިއަށްގެންދާ މިދުވުން ފަށާނީ މޭރީބްރައުން ކުރިމަތިން ކަމަށާއި ނިންމާލާނީ ރަސްފަންނު ސަރަހައްދަށް ކަމަށް ކިނާނު ވިދާޅުވިއެވެ.

މިދުވުން ދަރިވަރުންނާ ބެލެނިވެރިންނަށް ޚާއްސަކުރެވިފައިވީ ނަމަވެސް އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް ކިނާން ވިދާޅުވިއެވެ.

މިދުވުމުގައި ބައިވެރިވާ ފަރާތްތަކުން ''ޝައިން ކިޑްސް 2019 ރަން'' ޖަހާފައިވާ ޓީޝާޓެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްފަންނަށް ދުވުން ނިންމާއިރު ރަސްފަންނުގައި ސްކޫލުގެ ޕީޓީއޭގެ ފަރާތުން ނާސްތާ ތައްޔާރުކޮށްފައި ހުންނާނެ ކަމަށް އެސްކޫލުން ބުނެއެވެ.

މިދުވުން ކުރިއަށްދާއިރު ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރޮސެންޓްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ޝައިން ލާނާސް ޕްރީ ސުކޫލަކީ 2013 ވަނަ އަހަރުން ފެށިގެން މާލޭގައި ހިންގަމުން އަންނަ ސުކޫލެކެވެ.